ބ. ތުޅާދު އާއި ތ. ވިލުފުށީގައި ތަރަށްގީކޮށްފައިވާ 100 ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖެނުވަރީ މަހުގެ 11 ވަނަ ދުވަހުގަ އެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު މިއަދަށް ވަނީ ހަމަވެފަ އެވެ.
އެހެން ނަމަވެސް، ހައުސިން މިނިސްޓްރީއިން މިއަދު ވަނީ މި ހައުސިން ޔުނިޓްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ހައުސިން މިނިސްޓްރީއިން ބުނީ، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުއެކެވެ.
ދެ ރަށުގައި ގާއިމްކޮށްފައިވާ 100 ހައުސިން ޔުނިޓަކީ 3 ކޮޓަރިއާއި 3 ފާހާނާ އާއި ބަދިގެ އާއި ސިޓިން ރޫމު ހިމެނޭ ހައުސިން ޔުނިޓު ތަކެކެވެ. މި ޔުނިޓުތަކަކީ 2002.09 އަކަފޫޓުގެ ބަންގާރަ ގޯތީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ.