އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބޯންމަތް އަތުން 2-1 އިން އާސެނަލް ބަލިވެއްޖެ އެވެ.
އާސެނަލް މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެން ދެ މެޗު އިތުރަށް ކުޅެ، ނުވަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 30 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. ސިޓީން މާދަމާ ރޭ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޯންމަތުންނެވެ. މިއީ، މެޗުގެ 17 ވަނަ މިނިޓްގައި އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ބޯންމަތްގެ ޒުވާން ފޯވާޑް، ޖޫނިއާ ކްރޫޕީ ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ 35 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ ފޯވާޑް ވިކްޓަ ޔޮކަރޭސް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ، ބޯންމައުތުގެ ކެޕްޓަން، ރަޔާން ކްރިސްޓީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
މި މެޗުން ބޯންމަތު މޮޅުވި ގޯލު މެޗުގެ މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެކްސް ސްކޮޓް އެވެ. އެވަނިލްސަން ދިން ބޯޅައަކަށް އަރައި، ސްކޮޓް ވަނީ އާސެނަލްގެ އޭރިއާ ތެރެއަށް ވަދެ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ.
ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި އާސެނަލް ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެެވެ.