Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްޑީޕީގެ އެޑްވައިޒަރުންނަށް އިބޫ އާއި ނަޝީދު

ރައީސް ސޯލިހާއި، ރައީސް ނަޝީދު

އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ހަ ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ޗެއާޕާސަނަށް ލަފާދިނުމަށް ހަ މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އުފެއްދުމަށް ފާސްކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:

1- ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ

2- ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު

3- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

4- ކުރީގެ ރައީސް މުހައްމަދު ނަޝީދު

5- ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

6- އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މި ކޮމިޓީ ދެމި އޮންނާނީ ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.

ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި އިބޫ އާއި ނަޝީދު ހަމަޖެއްސުމަށް ވެސް ފާސްކޮށްފަ އެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ނިންމައި އެކަން ދެން އެންމެ އަވަހަކަށް ބާއްވާ ކޮންގްރެސްއެއްގައި ފާސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިކަންކަން މިގޮތަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ލީޑަރުންނަށް ބެހިފައިވާ ފެކްޝަންތަކުގެ މެދުގައި ފާއިތުވި ދެ ދުވަހު ކުރި މަޝްވަރާތަކަށްފަހު އެވެ.