ޗައިނާއިން، އީރާނު މެދުވެރިކޮށް އެމެރިކާގެ އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފާރު ވައްޓާލައި ފުނޑުފުނޑު ކޮށްލައިފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ވިސްނާކަށް ނުކެރޭނެ ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ދުނިޔޭގެ ހަނގުރާމަތަކުގައި އެމެރިކާއިން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެއީ ސިންގާއެއްގެ ދަތްތައް އުފުރާލައި، ހަމައެކަނި އޭގެ ވަކިތައް ދޫކޮށްލުން ފަދަ ކަމެއް ކަމަށް ވިސްނާލާށެވެ. ވަކިތަކަކީ އެމެރިކާގެ އަސްކަރިއްޔާއެވެ. އެއާއެކު، އެހެން ޤައުމުތައް ވީދައި ނޮޅައިގެން ކައިހަދާ ދަތްތަކަކީ އަސްލުގައި، ޑޮލަރާއި އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ.
އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާނައަކީ، އެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޤައުމަކަށް އެއްވެސް އެއްޗެއް ގަނެ އަދި ވިއްކައެއްވެސް ނުހެދޭނެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޤައުމަކަށް ވަރަށް ގިނަ ދަތިތަކާއި، އެހެނިހެން މައްސަލަތައް ކުރިމަތިވެއެވެ. މިސާލަކަށް އަފްޣާނިސްތާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއިރު، ހޮސްޕިޓަލްތަކުގައި ތިބި އެތައް ހާސް ބަލިމީހުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ބޭސްފަރުވާ ނުލިބިގެން ތިބީ ކެތްކޮޅުން ލައިފައެވެ. އަދި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ބަނޑުހައި ހޫނުކަމުގައި އެތައް ހާސް ބަޔަކު މަރުވިއެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް، އެކި ޤައުމުތަކުން، އެކި ދުވަސްވަރު އެކި ގޮތްގޮތަށް މުގުރާފައިވެއެވެ.
އީރާނުގެ މިސާލަކީ، އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ އެއް މިސާލެވެ. އީރާނަކީ 1989 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ފިތިފައި އޮތް ޤައުމެކެވެ. އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ނުވިނަމަ، އެ ޤައުމުގެ އިޤުތިޞާދު، ސަޢޫދީ އަރަބިއްޔާއި، ދުބާއީއާއި، އަދި ތުރުކީގެ އިޤުތިޞާދު އެއްކޮށްލުމުން ވާވަރަށް ވުރެވެސް ބޮޑުވީހެވެ. އީރާނުގެ ތެލާއި، ގޭހާއި، ހަތިޔާރުގެ ސިނާޢަތާއި، ފަންނިއްޔާތާއި، އީރާނުގެ މުޤައްދަސް ތަންތަނާ ގުޅުން ހުރި ފަތުރުވެރިކަމާއި، އަދި އީރާނުގެ ތެރެއިން ލާފައި ސީރިޔާއާއި، އިރާޤުގައި ހުރި އެފަދަ ތަންތަނަށް ކުރާ ދަތުރުތަކަކީ އީރާނުގެ އިޤުތިޞާދު ދެގުނަކުރުމަށް އެހީތެރިވެ ދޭނޭ ކަންތައްތަކެކެވެ.
އެ ހުރިހާ ވާޤިޢާތަކަކީ، ޗައިނާ އާއި، އިންޑިއާއަށް ފަހު އޭޝިޔާގެ އެންމެ ބޮޑު އިޤުތިޞާދަކަށް އީރާނު އިޤުތިޞާދު ހެދުމަށް ފުދޭނޭ ކަންތައްތަކެކެވެ. އެކަމަކު، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް މާކަބޮޑު ކުރިއެރުމެއް ލިބިފައިނުވެއެވެ.
އާދެ، ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުން ހޯދީ ކޮން ކަހަލަ ޙައްލެއް ހެއްޔެވެ؟ އީރާނުން ގެންގުޅުނީ ބާޓަރ ސިސްޓަމެވެ. އާދެ، މުދަލާއި، މުދާ ބަދަލުކުރީއެވެ. ކުރީ ޒަމާނުގައި، އަހުރެމެންގެ ކާބަފައިން ރޯނާއި، ބޮއްޔާއި، ކުފުރާ ހިފައިގެން އޮޅުދޫކަރައަށް ގޮސް ކާބޯތަކެއްޗާއި، އަންނައުނާއި، ހިފައިގެންގުޅޭ ތަކެތި ގަންނަ ބީދައިން، އީރާނުން ވެސް ޗައިނާއާއެކު ވިޔަފާރި ކުރިއަށް ގެންދިޔައެވެ. އީރާނުން، ޗައިނާއަށް ތެޔޮ ދިނުމުން، ބަދަލުގައި ޗައިނާއިން އީރާނަށް ބޭނުންވާ ކޮންމެ އެއްޗެއް ލިބެމުން ދިޔައެވެ.
މިހާރު ޗައިނާއާއި، އީރާނު ގުޅިގެން ދުނިޔޭގެ އިޤްތިޞާދު މަޑުމަޑުން އެ ގެންދަނީ ޑީ-ޑޮލަރައިޒޭޝަނާއި ދިމާލަށެވެ. ދުނިޔޭގައި އޮތީ ބޮޑު ތިން ވިޔަފާރިއެކެވެ. ފުރަތަމަ ވިޔަފާރިއަކީ ތެލުގެ ވިޔަފާރިއެވެ. ދެވަނަ ވިޔަފާރިއަކީ ހަތިޔާރުގެ ވިޔަފާރިއެވެ. އަދި ތިންވަނަ ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ. މި ތިން ބާވަތުގެ ވިޔަފާރީގެ ކޮންޓްރޯލްވެސް އޮތީ އެމެރިކާގެ އަތުގައެވެ. މުޅި ދުނިޔޭގައި ތެލާއި، ހަތިޔާރުގެ ވިޔަފާރިއަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ. ޗައިނާއާއި، ރަޝިޔާއިން އެ ދެމެދަށް ވަނީ މީގެ ހަތް ވަރަކަށް އަހަރު ކުރިންނެވެ.
އެ ދެ ޤައުމުން ބުނަނީ، އެ ދެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެކު ވިޔަފާރި ކުރާކަށް ޑޮލަރު ބޭނުން ކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށެވެ. އަދި އެންމެފަހުން، ދެ ޤައުމުގެ އަމިއްލަ ފައިސާއިން ވިޔަފާރި ކުރުމަށް ނިންމިއެވެ. އެއަށްފަހު، ދެން އައީ އީރާނެވެ. އީރާނުން މިއަދު ބުނަނީ، ހުރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ކޮންމެ ބޯޓަކުން އުފުލާ ކޮންމެ ތެޔޮ ފީފާއަކަށް އީރާނަށް އެއް ޔުއާން ދެއްކުމަށެވެ. ހުރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ކޮންމެ ދުވަހަކު 21 މިލިއަން ފީފާ ތެޔޮ ގެންދެވެއެވެ. އެއީ އަހަރަކު 7.7 ބިލިއަން ފީފާ ތެލެވެ. މާނައަކީ، ދުނިޔޭގެ ޤައުމުތަކުން ހުރުމޫޒް ކަނޑުއޮޅި ހުރަސްކޮށް ތެޔޮ ގެނައުމަށްޓަކާ، އަހަރަކު 7.7 ބިލިއަން ޔުއާން ބޭނުން ވާނެއެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ފައިސާގެ ބާޒާރުގައި ޔުއާންއަށް އޮތް ޑިމާންޑް މައްޗަށް ގޮސް، ޑޮލަރަށް އޮތް ޑިމާންޑް ދަށްވާން ފަށައިފިއެވެ. ދުނިޔޭގެ ތަފާތު ޤައުމުތަކުން ވިޔަފާރީގެ މުޢާމަލާތްތަކުގައި ޑޮލަރާއެކު ޔުއާންވެސް ބޭނުންކުރަން ފަށައިފިއެވެ. އޭގެ ސަބަބުން ތެލުގެ ޓްރާންސިޓްގެ އިތުރުން، ދުނިޔޭގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި، ފައިސާ ދެއްކުމަށް ޑޮލަރުގެ ބަދަލުގައި ޔުއާން ބޭނުންކުރަން ފަށައިފިއެވެ. ޑޮލަރުގެ މުޢާމަލާތްތަކާ ގުޅުންހުރި އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރު ބޭކާރުވެއްޖެއެވެ. އެހެނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް މިހާރު ޑޮލަރުން ވިޔަފާރި ކުރުމުގެ ބަދަލުގައި، ވިޔަފާރި ކުރަނީ ޗައިނާގެ ޔުއާން ބޭނުން ކޮށްގެންނެވެ.
އެ
ހެންކަމުން، ޗައިނާ އާއި އީރާނު ގުޅިގެން މި ވަނީ ސިންގާގެ އަނގައިގައި ހެލިހެލި ހުރި ދަތްކޮޅު ދަމައިގަނެފައެވެ. ވަގުތު ޖެހުމުން ސިންގާގެ ވަކިތައްވެސް އުފުރައިލާނެއެވެ. މަޑުކޮށްލައިގެން ކުޅިބަލަން ތިބެމާ ހިނގާށެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.