އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މަގާމުން ވަކިކުރި، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފުގެ މަގާމު އަލުން އިއާދަކޮށްފި އެވެ.
މީގެ އިތުރުން ޕާޓީގެ ވަގުތީ ޗެއާޕާސަން، އަބްދުލް ގަފޫރު (ގަޕޯ) ގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި، ގަޕޯ ވަނީ އިބްރޭ އާއި މައުރޫފް މަގާމު އިއާދަކުރިކަން ހާމަކުރައްވައިފަ އެވެ.
އަދި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެދި އެ ޕާޓީގެ 55 މެންބަރުން ސޮއިކޮށް މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޕެޓިޝަން ވެސް އަނބުރާ ގެންގޮސްފައިވާކަން ވެސް ރޭ އިއުލާންކުރި އެވެ.
އެމްޑީޕީ އެތެރޭގައި ކޯޅުންގަނޑެއް އުފެދުނީ މި މަހު 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އެ ޕާޓީއަށް ލިބުނު ކާމިޔަބީ ފާހަގަކުރުމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުންނެވެ.
އެކަމާ ގުޅިގެން އެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެގޮތުން ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް، ޕާޓީގެ ޗެއާޕާސަން އަށް ލަފާ ދޭނެ ވަގުތީ ކޮމިޓީއެއް ގައުމީ މަޖިލިހުން ރޭ ވަނީ އެކުލަވާލައިފަ އެވެ.