Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދެވަނަ ބުރުގެ ވޯޓު 5 ދާއިރާއެއްގައި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާ އެއްވަރުވެ، ދެވަނަ ބުރެއް ބާއްވަން ޖެހެނީ ފަސް ދާއިރާއަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މި އިންތިހާބުތަކުގެ ވޯޓްލީ މި މަހުގެ 4 ގަ އެވެ.

އީސީން ބުނޯ ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރަކަށް ޖެހެނީ ފަސް ދާއިރާއެއް ކަމަށެވެ. އެއީ، ކައުންސިލް ދެ ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް ކަމަށް އީސީން ބުންޏެވެ.

އެގޮތުން، ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) އަށް މެންބަރަކު ހޮވުމަށެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމު ހޮވުމަށާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށެވެ.

ދެވަނަ ބުރުގެ މި ވޯޓްލިން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ވޯޓުލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށް އީސީން ބުންޏެވެ. މި ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.