ބޮލީވުޑްގެ ތަރި ވަރޫން ދަވަންގެ އާ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ރިލީޒް ކުރުން އަވަސްކޮށް، ފިލްމުގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.
އޭނަގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ހަދާފައިވާ މި ރޮމޭންޓިކް ކޮމެޑީ ބެ؛ުންތެރިންނަށް ދޫކޮށްލަން ނިންމީ އަންނަ މަހުގެ 22 ގަ އެވެ. 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ރިލީޒްކުރާ ތާރީހު އަވަސް މި ކުރީ އެންމެ ފުރަތަމަ ފިލްމު ތާވަލުކުރި ތާރީހު ކަމަށްވާ ޖޫން 5 ގެ ދުވަސް ކުރިއަށް ޔާޝްގެ 'ޓޮކްސިކް' ތާވަލުކުރުމާ ގުޅިގެން ކަމަށް އެ މަހުގެ 12 އަށް ފިލްމު ފަސްކުރުމަށް ފަހު އެވެ.
ނަމަވެސް މިހާރު ފިލްމު އަވަސްކޮށްފައިވާ އިރު މާދަމާ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ޓީޒާ ވެސް އާންމު ކުރާނެ އެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ހަދާފައިވާ މި ފިލްމުގައި ވަރޫންއާ އެކު ލީޑް ބަތަލާއިންގެ ގޮތުގައި ފެންނާނީ މުރްނާލް ތާކޫރް އާއި ޕޫޖާ ހެގްޅޭ އެވެ. 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް އަދި މަނޯޖް ޕަހްވާ ފަދަ ފަންނާނުން ހިމެނެ އެވެ.
މި ފިލްމަކީ ބައްޕައާ އެކު ވަރޫން މަސައްކަތް ކުރި ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކި 2020 ގެ ކޫލީ ނަންބަރު 1 އެވެ.
ވަރޫންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.