އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ އެވެ.
އުމުރުން 92 އަހަރުގެ ފަންނާނު މިއަދު މަރުވީ ހާލު ދެރަވެ ރެއިން ފެށިގެން މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރެވެ.އާއިލާ އިން ބުނެފައިވާ ގޮތުގައި އާޝާ އެޑްމިޓްކުރީ ވަރުދެރަވުމުގެ އިތުރަށް މޭމަތީގެ އިންފެކްޝަނަކާ ގުޅިގެންނެވެ.
މަޝްހޫރު އެތައް ލަވައެއްގެ އަޑުގެ ވެރިޔާ އާޝާ އަކީ އިންޑިއާގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ. އޭނަ އަކީ އިންޑިއާގެ ނުފޫޒު ގަދަ މިއުޒިކީ އާއިލާ ކަމަށްވާ މަންގޭޝްކަރް އާއިލާގެ މެންބަރެކެވެ.
ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުން ފެށިގެން ފިލްމުތަަކަށް ލަވަކިޔަމުން އައި އާޝާގެ ކެރިއަރުގައި 12،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެ އެވެ.
އިންޑިއާ އެ ފަންނާނުންނަށްޓަކައި ފަހުރުވެރިވާ ފަންނާނުންގެ ތެރޭގައި ހިމެނޭ އާޝާ އަކީ އިންޑިއާ ސަރުކާރުން ދެވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ވިބުޝަން 2008 ގައި ލިބިފައިވާ ލަވަކިޔުންތެރިއެކެވެ.
ދެ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާޝާ އަކީ އިންޑިއާގެ އަންހެން ރަންއަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮ އެވެ. ލަތާ ވަނީ އުމުރުން 92 އަހަރުގައި ފެބްރުއަރީ 6، 2022 ގައި މަރުވެފަ އެވެ.
އާޝާގެ މަރާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މިހާރު ހިތާމަފާޅު ކުރަމުން އަންނަ އިރު، އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.