މިދިޔަ ބުރާސްފަތި ދުވަހު ފ. ފީއަލީގެ ތެޔޮބޯޓެއްގައި ރޯވި ހާދިސާގައި އަލިފާން ފެތުރި އެ ރަށު އައިސްޕްލާންޓް އަނދާފައިވާތީ އެތަނުގެ ހާލަތު ބަލައި، އަވަސް ހައްލެއް ހޯދައި ދޭމް ފިޝަރީޒް މިނިސްޓްރީގެ ޓީމަކުން ރަށަށް ޒިޔާރަތްކޮށްފި އެވެ.
އެ ޓީމުން ވަނީ އަނދައި ހުލިވި އައިސްޕްލާންޓް ބަލައި އެސެސްމަންޓެއްގެ މަސައްކަތް ފަށައިފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އެ އައިސްޕްލާންޓަކީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުވި ތަނެކެވެ. މިނިސްޓްރީން ބުނީ އެ އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައި އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީގެ ޓީމުން ވަނީ ފީއަލީ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ.
ތެޔޮބޯޓްގައި ރޯވި ހާދިސާގައި އެ އުޅަނދު ކައިރީގައި އޮތް އިތުރު އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އޭގެ ތެރޭގައި ދެ މަސްދޯންޏެއް ވެސް ހިމެނެ އެވެ.
ފީއަލީ ކައުންސިލުން އަންދާޒާކޮށްފައިވާ ގޮތުގައި އެ ބޮޑު ހާދިސާގެ ސަބަބުން ލިބުނު ގެއްލުން 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.