ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ހުކުން އިއްވަމުން ޝުޖޫން ވިދާޅުވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއިން ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ސިނާނު ވަކިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ތާއިދު ކުރެއްވި އެވެ.
މިއީ އެންމެ މަތީ ކޯޓުގެ ހުކުމަކާއެކު މިހާރު ހިނގަމުން އަންނަ 20 މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.
ސިނާނަކީ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރެކެވެ.
އޭނަގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި މިދިޔަ ފެބްރުއަރީ 13 ގަ އެވެ. އެ މައްސަލައިގެ ހުކުމް މިއަދު އިއްވި އިރު، މައްސަލައިގެ އަޑުއެހުން ނިންމާލާފައު ވަނީ މީގެ 9 މަސް ކުރިންނެވެ.
ޣާލިބު ސަލީމު ކިޔާ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ އެ ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.
ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ދަރަނި ދައްކައި ހަލާސްކޮށްފައިވެ އެވެ.