ކޮންމެ ދިމިގްރާތީ ނިޒާމެއްގައި ވެސް، ވެރިކަންކުރާ ފަރާތްތަކަށް ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ދައުރެއްގެ ގޮތުގައި އެތައް ދުވަހެއް ލިބިގެންދެ އެވެ. ނަމަވެސް، މި ނިޒާމުގެ އެންމެ ބާރުގަދަ ފަރާތް ކަމުގައިވާ ރައްޔިތުންނަށް، އެމީހުންގެ ބާރު ދައްކާލުމަށް ލިބެނީ އެންމެ ދުވަހެކެވެ. އެއީ ވޯޓުލާ ދުވަހެވެ.
މިއަދު އައްޑޫ ސިޓީގެ ރައްޔިތުން މިވަނީ އެ މީހުންނަށް ލިބުނު އެންމެ ދުވަހުގެ ބޭނުން ހިފައި، މުޅި ގައުމަށް ސާފުވާނޭ ފަދަ ގަދަ އަޑަކުން އެމީހުންގެ ބަސް އިއްވައިފަ އެވެ.
އަ
އްޑޫ ސިޓީގެ ރައްޔިތުންގެ މި ނިންމުމަކީ ކަންތައްތަކެއްގެ ފެށުމެއް ނޫނެވެ.
މިއީ ފާއިތުވި ދުވަސްތަކުގައި ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ރައްޔިތުންގެ ބާރުތަކަށް އަރައިގަތުމަށް ސަރުކާރުން ހިންގި ސިޔާސަތުތަކަށް ދިން ވަރުގަދަ ރައްދެކެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، އައްޑޫ ސިޓީ އިދާރީ ގޮތުން ބައިބައިކޮށްލުމަށް ހިންގުނު މަސައްކަތްތަކަކީ ރައްޔިތުންގެ އަޑު އިއްވުމަށް އޮތް ފުރުސަތު ހަނިކުރުމުގެ ފެށުމެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ނިންމުމަކުން، ރައްޔިތުން އިންތިޚާބުކުރި މަންދޫބުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރުމަކީ، ރައްޔިތުންގެ ވޯޓަށް ވުރެ ޕާޓީގެ ނުފޫޒު ކުރިއަށް ނެރުމުގެ ހެކިތަކެކެވެ.
ލާމަރުކަޒީ ނިޒާމުގެ މައިބަދަ ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލައި، ބާރުތައް މަރުކަޒީ ސަރުކާރުގެ މުށްދަށަށް ގެންދިއުމަކީ އައްޑޫގެ ރައްޔިތުންނަށް ދެވުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ. ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ބަޖެޓާއި މަސައްކަތްތަކަށް ހުރަސްއަޅައި، ރަށުގެ ތަރައްގީއަށް މަޑުޖެހުން ގެނައީވެސް ހަމަ އެ ސިޔާސަތުތަކުގެ ސަބަބުންނެވެ. ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކުގައި ކައުންސިލަރެއްގެ ނުވަތަ ރައްޔިތެއްގެ ބަހެއް ބޭނުންނުވާނެ ކަމަށް ދެކި، ހުރިހާ ކަމެއް މާލޭގައި ތިބޭ މަދު ބަޔަކު ނިންމާ ގޮތަށް ކަނޑައެޅުމަކީ ރައްޔިތުން ބަލައިގަތް ކަމެއް ނޫނެވެ.
ލާމަރުކަޒީ ނިޒާމާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަންނަ ބަޔަކަށް އިންތިޚާބީ ގޮނޑިތައް ދީގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތްކަން އައްޑޫ ރައްޔިތުން މިއަދު ވަނީ ސާބިތުކޮށްދީފައެވެ. ތިލަފަތަށް ވޯޓުދީ، އައްޑޫ ސިޓީގެ ރައްޔިތުން ނިމިގެންދިޔަ އިންތިޚާބުގައި އެ ދެއްކީ ޑިމޮކްރަސީގެ ހަގީގީ ބާރެވެ. ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައޭ ބުނެވެނީ އެހެންވެގެނެވެ.
ވެރިކަމުގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ އިހުސާސްތަކާއި އަޑުތަކަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާއަކީ، ރައްޔިތުންނަށް ލިބުނު އެންމެ ދުވަހަކުން މުޅި މަންޒަރު ބަދަލުކޮށްލުމެވެ. އައްޑޫގެ ރައްޔިތުން މިއަދު މި ވަނީ ސާފު އަޣުލަބިއްޔަތުން އެމީހުންގެ ނިންމުން ހާމަކޮށްފައެވެ. މިއީ ގަބޫލުކުރަން ދަތި ހަގީގަތަކަށް ވިޔަސް، މިއަދުގެ ނަތީޖާ އަކީ އެއީއެވެ. ރައްޔިތުން އެމީހުންގެ ބަސް އިއްވައިފި އެވެ. ދެން އޮތީ އެ ނިންމުމަށް އިހުތިރާމްކޮށް، އެކަން ގަބޫލުކުރުމާ އެކު، ނުބައިކޮށް ކުރެވުނު ކަންކަން ރަނގަޅުކުރުމެވެ. ކާމިޔާބުކަމާ އެކު ކުރިއަށް ދާން ބޭނުން ނަމަ އެވެ.