އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވާފަައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގަ އެވެ.
މަތީން މިއަދު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވިއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މީގެ ފަސް ދުވަސް ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ރިޝްވާން ވަނީ އިސްތިއުފާދެއްވާފަ އެވެ.