Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ސިނާނަށް ގެއްލުނު ގޮނޑި އަށް ސޯބެ ޝައުގުވެރިވެއްޖެ

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

މި ގޮނޑިއަށް ޝައުގުވެރިވާކަން ސޯބެ ވަނީ "އައްޑޫ ލައިވް" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ފުރުއްވައިފަ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފުރުއްވި އެވެ.

މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.