Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ވަކި ގޮތަކަށް ހުކުމް ނެރެން ނޫޅުއްވާކަން ކަށަވަރުވެއްޖެ

ސުޕްރީމް ކޯޓަށް އަތް ބާނައި ވަކި ގޮތަކަށް ހުކުމް ނެރެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫޅުއްވާކަން މިއަދު ކަށަވަރުވެގެން ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިހެން ވިދާޅުވެފައިމިވަނީ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެ ގޮނޑި ފުރުއްވަމުން ގެންދެވީ ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާން އެވެ. ސިނާންގެ ގޮނޑި ގެއްލުނީ އޭނާގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ނިހާދު ވިދާޅުވީ މި ހުކުމުން ކަށަވަރުވެގެން ދިޔައީ ސުޕްރީމް ކޯޓަށް އަތްބާނައި، ބިރު ދައްކައިގެން ވަކި ގޮތަކަށް ހުކުމް ނެރެން ރައީސް މުއިއްޒު ނޫޅުއްވާނެކަން ކަމަށެވެ.

"ގައިމުވެސް ސިނާންގެ ގޮނޑި ސަލާމަތްކުރަން ޕާޓީން ވަރަށް ބޭނުންވޭ. ސިނާން އަކީ ހިދުމަތްތެރި ޕީއެންސީ ގަދަ މެމްބަރެއް،" ނިހާދު ވިދާޅުވި އެވެ.

މިއީ އެންމެ މަތީ ކޯޓުގެ ހުކުމަކާއެކު މިހާރު ހިނގަމުން އަންނަ 20 މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

ސިނާންގެ ގޮނޑި ގެއްލުމުން އެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލުމަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.