ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާއެކު، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ. މި ކާމިޔާބީގެ އަސްލު ޙިއްޞާދާރަކީ ކޮބައިތޯ އާއި، ޕާޓީގެ ކުރީގެ ދެ ރައީސުންގެ ތެރެއިން އެންމެ ބޮޑު ތާއީދެއް ހޯއްދަވައި ދެއްވީ ކޮން ބޭފުޅެއްތޯ ނުވަތަ އިސް ސަފުން ޖާގަ ދޭންވީ ކޮން ބޭފުޅަކަށްތޯ ކުރެވޭ ބަހުސްތަކަކީ، ސިޔާސީ ތަޙުލީލުކުރައްވާ ފަރާތްތަކާއި އެމްޑީޕީގެ ޢާންމު މެންބަރުންގެ މެދުގައި މިހާރު އެންމެ ގަދައަށް ކުރެވޭ ބަހުސްތަކެވެ. ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި މިފަދަ ބަހުސްތަކުގެ ސަބަބުން އުފެދޭނީ އިތުރު ބައިބައިވުންތަކާއި ދެބަސްވުންތަކެވެ.
އެހެންކަމުން، މިފަދަ ޚިޔާލުތަފާތުވުންތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މިއަށްވުރެ މުހިންމު ޤައުމީ މަޞްލަޙަތު ހިމެނޭ ކަންކަމަށް ސަމާލުކަންދީ، އެފަދަ ކަންކަމުގައި މަޝްވަރާކުރުން މާ ބޮޑަށްވެސް މުހިންމެވެ.
ވަކި ބޭފުޅަކު ޕާޓީން ވަކިކޮށް، ވަކި ބޭފުޅަކަށް ޕާޓީގެ އިސް މަގާމު ހަވާލުކުރުމާ ގުޅޭގޮތުން ހިނގާ ޒާތީ ބަހުސްތަކަށްވުރެ، މިވަގުތު މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރުން މާ މުހިންމެވެ. ޚާއްޞަކޮށް ޤައުމުގެ ޙާލަތު ބަދަލުވަމުންދާ މި ނާޒުކު ދަނޑިވަޅަކީ، އިންސާނިއްޔަތުކަމުގެ އަސާސްތަކާއި ދިރިއުޅުމުގެ އަގުތަކާ މެދު ފުންކޮށް ވިސްނައި، އިޞްލާޙީ ބަދަލުތަކަކަށް އަތްގުޅާލަންވީ ވަގުތެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިވެވަޑައިގަތީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕާޓީއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވުމަށް ފަހުގަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިއީ ޕާޓީގެ ތެރެއިން އެމަނިކުފާނާ މެދު އަމަލު ކުރެވުނު އިހާނެތި ގޮތްތަކުގެ ސަބަބުން ކުރިމަތިވި ހިތްދަތި ނަތީޖާއެކެވެ.
މި ހާލަތުގައި އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ މުހިންމު ހަގީގަތެއް އެބަ އޮތެވެ. އެމްޑީޕީއަކީ މާޒީގައި ކުރީގެ ރައީސް މައުމޫނުގެ އަރިސް ބޭފުޅުންނަށްވެސް މަރުހަބާ ކިޔައި، އެކުގައި މަސައްކަތްކުރި ޕާޓީއެކެވެ. އޭރު އެމް.ޑީ.ޕީ ގެ މެމްބަރުންނަށް ލިބުނު ބޮޑެތި އަނިޔާތަކާއި ވޭންތައް އެއްފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކޮށް، އެ ބޭފުޅުންނަށް ސުލްހަވެރިކަމުގެ އަތެއް އަޅުގަނޑުމެން ދިއްކޮށްލީމެވެ. އެއީ އަމިއްލަ ޝުއޫރުތަކަށްވުރެ ގައުމުގެ ކުރިއެރުން މާ މުހިންމު ކަމަށް ޕާޓީން އަބަދުވެސް ދެކޭތީ އެވެ. ވީއިރު، މިއަދުގެ ލީޑާޝިޕަށް އެފަދަ ހިތްތިރިކަމާއި ދުރުވިސްނުން އިސްކޮށް، އެ ދައުރު އަދާނުކުރެވެންވީ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ މިއަދުވެސް މިއީ ހަމަ ކުރީގެވެސް އެމްޑީޕީއެވެ. މިއީ ޕާޓީން އާ ހަކަތައަކާއެކު ކުރިއަށް ފިޔަވަޅު އަޅަންވީ މުނާސަބު ވަގުތެވެ.
މިއަދުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ "ޖެން-ޒީ" ޒުވާނުންނަކީ މާޒީގައި ހިނގާދިޔަ ބިރުވެރި ކަންތައްތަކުގެ ތަޖުރިބާ ސީދާ ގޮތެއްގައި ލިބިފައިވާ ބައެއް ނޫނެވެ. ބަޣާވާތަށް 14 އަހަރު ފާއިތުވެފައިވާ އިރު، އޭރު ހިނގި އަނިޔާވެރި އަމަލުތަކަށް އިންސާފު ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން، "ނަމޫނާ" ދޯނި ފައްތާލަން ދިވެހި ކޯސްޓުގާޑުން ކުރި މަސައްކަތުގެ ތެރޭގައި ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނު މީހުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ. އެހެންނަމަވެސް، ސުވާލަކީ މިފަދަ މީހުންނަށް އިންސާފު ހޯދައިދެވުނުތޯއެވެ؟ މާޒީގެ ހިތްދަތި ހާދިސާތަކުގެ ތެރޭގައި އަޅުގަނޑުމެން ބަންދުވެފައި ތިބެއްޖެނަމަ، ގައުމުގެ މުސްތަޤްބަލު ބިނާކުރުމަށް އޮތް ފުރުސަތުތައް ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ.
އަޅުގަނޑުމެން އިސްކަންދޭންވީ ހެޔޮ ކަންކަމުގައި ސާބިތުވެ ތިބެ، ބޭކާރު ކަންކަމާ ދުރުހެލިވުމަށެވެ. އެއްވެސް ލީޑަރަކީ ފާޑުކިޔުމުން ބަރީއަވެގެންވާ ބަޠަލެއް ނުވަތަ މުޠުލަޤު ސާހިބެއް ނޫނެވެ. ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް އުުއްމީދީ މުސްތަޤުބަލެއް އޮތީ، ޕާޓީގެ އިސް ސަފުން ޒުވާން ޖީލަށް ފުރުސަތުތައް ފަހިކޮށްދީގެންނެވެ. ދެހާސް އެއްވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ރަޖިސްޓްރީ ކުރަން ހުށަހެޅިއިރު، ރައީސް ނަޝީދުގެ އުމުރުފުޅަކީ އެންމެ 35 އަހަރެވެ. އޭރު ލީޑަޝިޕްގައި ތިއްބެވީ 30-40 އަހަރާ ދެމެދުގެ ހިތްވަރުގަދަ ޒުވާނުންނެވެ. އެ ބޭފުޅުން ނުކުމެވަޑައިގަތީ އޭރުގެ އަނިޔާވެރިކަމާ ދެކޮޅަށް، ބިރެއްނެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށެވެ. މަޢާފުކުރައްވާށެވެ. މިއަދު އެ ބޭފުޅުންނަކީ މުސްކުޅިންނެވެ.
އުޖާލާ މުސްތަޤުބަލެއް ބޭނުން ނަމަ، އަންނަން އޮތް ޖީލުތަކަށް މަގުދައްކައިދިނުމުގެ ޒިންމާ ޒުވާނުންނާ ހަވާލުކުރަންޖެހެއެވެ. މިއަދުގެ ޒުވާނުންނަކީ މާޒީގެ "ޒުވާން ލީޑަރުންގެ" ރުހުމާއި ހުއްދައަށް އިންތިޒާރުކުރާނެ ބައެއް ނޫނެވެ. އަދި ޕޯޑިއަމްތަކުގައި ބަސްބުނާނެ މީހަކާ މެދު ކުރެވޭ ބޭކާރު ބަހުސްތަކުގައި ވަގުތު ބޭކާރުކުރާކަށް އެމީހުން ބޭނުމެއް ނުވާނެއެވެ. އޭރުގެ ޒުވާނުން ތެދުވީ ޚުދުމުހުތާރު ވެރިކަމެއްގެ ބިރުވެރިކަމުގެ ތެރޭގައި ޒިންމާދާރު ކަމާއެކުގަ އެވެ. މިއަދުގެ ޒުވާނުންވެސް ތިބީ ހަމަ އެފަދަ އިސް ރޯލެއް އަދާކުރުމަށް ތައްޔާރުވެގެންނެވެ.
އެހެންކަމުން، ބަދުބަސް ބުނުމާއި ފިތުނަވެރި ޒުވާބުތައް އެއްފަރާތްކޮށް، ގައުމު ބިނާކުރުމުގެ މަސައްކަތް އަލުން ފަށަންވީއެވެ. މި މަސައްކަތުގެ އިސް ސަފުގައި ތިބެންޖެހޭނީ މިއަދުގެ ޒުވާނުންނެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ އެމީހުންނަށް މަގުދައްކައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. ވަކި ފަރުދެއްގެ މަސްލަހަތަށް ވުރެ އެމްޑީޕީ އާއި ދިވެހި ގައުމުގެ މަސްލަހަތު އަޅުގަނޑުމެންނަށް މާ މުހިންމެވެ.
އަޅުގަނޑުމެންނަށް އަދިވެސް އުޖާލާ މުސްތަޤުބަލެއް ބިނާކުރެ ވިދާނެ އެވެ. އެކަން އޮތީ މިއަދު އަޅުގަނޑުމެން އަޅާ ހަރުދަނާ ފިޔަވަޅުތަކެއްގެ މަތީގަ އެވެ.