ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް މިވަގުތު ބަންދުގައި ތިބިއިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 5:49 ހާއިރު އެވެ.
ވައްކަމުގެ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މިހާތަނަށް ހޯދުނީ 50،000 ރުފިޔާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއ ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.