Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ދަރަނި އަދާ ކުރަން ޖެހޭނެ!

މީހަކަށް ބައިވަރު ރުފިޔާތަކެއް ލިބުނެވެ. އެކަމަކު އޭގެ ކުރިން އޭނާވަނީ އެކި މީހުނަށް ދަރާފައެވެ. މީހުންގެ އަތުން ދަރަންޏަށް އެއްޗެހިތައް ނެގިފައެވެ. އެ ހުރިހާ ދަރަންޏެއް ކަނޑާލިއިރު އަތުގައި އޮތީ މަދު ރުފިޔާ ކޮޅެކެވެ.

ދުނިޔެ މަތީގައި މީހުންނަށް އަނިޔާވެރިވެ ޣީބާ ބުނެ ޙައްޤުތަކަށް އަރައިގަނެފައިވާ މީހާ، ޤިޔާމަތްދުވަހު އޭނާ އޭގެ ބަދަލު ދޭން ޖެހޭނެއެވެ. ދުނިޔެ މަތީގައި ދަރަނި ނުދައްކާ ފިލައިގެން އުޅެވުނަސް އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. އެއީ އޭނާގެ ހެޔޮ އަމަލުތައް އެމީހުނަށް ދީގެންނެވެ. ހެޔޮ ޢަމަލެއް ނެތްނަމަ ނުވަތަ އޭގެން ނުފުދުނު ނަމަ، އެމީހުންގެ ނުބައި ޢަމަލުތައް އެ މީހާއަށް ދެވޭނެއެވެ.

މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: “ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައި މީހުންނަށް އެނގިލައްވާހެއްޔެވެ؟”

ޞަޙާބީން ދެންނެވިއެވެ: އަހުރެމެންގެ ތެރޭގައި ބަނގުރޫޓު ވެފައިވާ މީހެކޭ ކިޔަނީ އެމީހެއްގެ އަތުގައި ދިރުހަމެއް މުދަލެއް ނެތް މީހަކަށެވެ.

ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ.”

ނޯޓް: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.