Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ޑާކް ރެއިނުން 'ޖަންނަތު' ގެންނަނީ

ރާއްޖޭގެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން 'ޖަންނަތު' ގެ ނަމުގައި ފިލްމެއް ގެނެސްދޭނެކަންް މިއަދު އިއުލާންކޮށްފި އެވެ.

މި ފިލްމު އޮލިމްޕަހުގައި އަޅުވަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 3 ގަ އެވެ.

ބެލެވޭ ގޮތުން 'ޖަންނަތު' ވާނީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަށެވެ. މިދިޔަ އަހަރު ދެ ފިލްމު ގެނެސްދިން ސްޓޫޑިއޯ އިން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 'މަންމަ' ކިޔާ ފިލްމެއްގެ ޝޫޓިން ފެށި އެވެ.

'ޖަންނަތު' އަކީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މިއަދު ދައްކައިލި ފިލްމުގެ ޕޯސްޓަރުން ފެންނަ ގޮތުގައި މީގެ ލީޑް އެކްޓަރަކީ މި ފަހުން ޑާކް ރެއިންގެ ހުރިހާ އުފެއްދުމަކުން ވެސް ފެންނަ އެންމެ އާންމު މޫނު ކަމަށްވާ ޝަރަފް އަބްދުﷲ އެވެ.

'ޖަންނަތު' ގެ ނަމުގައި ޑާކް ރެއިނުން ފީޗާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ސްޓޫޑިއޯ އިން ކުރިން 'ރޫމިއާ ޖަންނަތު' ގެ ނަމުގައި ވެބް ސީރީޒެއް ގެެނެސް ދީފައިވެ އެވެ.

މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން ސްޓޫޑިއޯ އިން މިދިޔަ އަހަރު ގެނެސްދިން ފިލްމުތަކަކީ 'އަލިފާން' އާއި 'އަލްވަދާއު' އެވެ.

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަނީ އަލީ ސީޒަންގެ 'ޕަރީ: ޗެޕްޓާ 2' އެވެ. މިއީ އަހަރު އެޅުވި ތިން ވަނަ ފިލްމެވެ. 'ޕަރީ: ޗެޕްޓާ 2' އަކީ މި އަހަރުގެ ފުރަތަމަ ފިލްމުގެ ގޮތުގައި ޖެނުއަރީގައި ގެނެސްދިން ބިރުވެރި ފިލްމު ޕަރީގެ ދެވަނަ ބަ އެވެ.

ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ ކުރީގެ ޑައިރެކްޓަރު މުހައްމަދު ހިލްމީ މި މަހުގެ 29 ގައި ގެނެސްދޭން ނިންމާފައިވާ 'ލަމްހާ' އެވެ.