Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ޚުޝާމަތުކުރި އެންމެން މި ފަހަރު ހޭ އަރުވައިލާނެ!

ކޮންމެ އިންތިޚާބެއް ބޯމަތިވެގެން އަންނަ ދުވަސްވަރު، ފެންނަ އެންމެ ހިތްދަތި އެއް މަންޒަރަކީ، އަމިއްލަ އެދުމާއި މަޤާމުގެ ދަހިވެތިކަމުގައި ވެރިންގެ ފަހަތުން ދުވާ "ޚުޝާމަތުކުރާ" މީހުންގެ އަމަލުތަކެވެ. މިފަދަ މީހުންނަކީ ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް، އަމިއްލަ ޖީބާއި އަމިއްލަ ކުރިއެރުމަށް އިސްކަންދޭ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ތިބެގެން، "ގޮނޑި ނަގާދޭނަމޭ" ބުނެ، ފޮނި ބައިސާކަނޑައި އެއްވެސް އިޚުލާޞްތެރިކަމެއް ނެތި އުޅުނު އެތައް ބަޔަކު އަޅުގަނޑުމެން ދެކުނީމެވެ.

މި މީހުންގެ އަސްލު މަގުސަދަކީ ވަޒީފާގެ ކުރިއެރުން ހޯދުމާއި، ނާޖާއިޒު އެހެނިހެން މަންފާތަކެއް ހާސިލުކުރުމެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒާއި ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އަރިހުގައި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކައި، އަމިއްލަ އެދުން އިސްކޮށްގެން ކަންކަން ހާސިލުކުރަން މަސައްކަތްކުރި މީހުންގެ އަދަދު މަދެއް ނޫނެވެ.

ނަމަވެސް، ފަހުން ބޭއްވުނު ދެ އިންތިޚާބުން ވެސް އެފަދަ ފަރާތްތަކަށް ކުރިމަތިލާންޖެހުނީ ލަދުގަންނަހައި ބޮޑު ނާކާމިޔާބީއަކާއެވެ. ފެންނަ ފެނުމުގައި، ރައީސް މުޢިއްޒަށް މިހާރު މި ކަންކަން ވަނީ ވަރަށް ބޮޑަށް ސާފުވެވަޑައިގެންފައެވެ. އެހެންކަމުން، މިފަހަރުގެ މަސްރަހު ފެންނާނީ ތަފާތުކޮށް ކަން ގަބޫލުކުރަންޖެހެއެވެ. އިޚުލާޞްތެރިކަމެއް ނެތި، ހަމައެކަނި ދެއްކުންތެރިކަމުގެ ތެރެއިން އަމިއްލަ އެދުން ހާސިލުކުރަން އުޅުނު މީހުންނަށް އޮތީ މާޔޫސްކަމާއި ނާކާމިޔާބީއެވެ.

ޚުޝާމަތުކުރާ މީހުންނަށް ހީވެފައި އޮންނަނީ، ވެރިއެއްގެ އަރިހުގައި އޮޅުވާލައިގެންނާއި ދޮގު މައުލޫމާތު ދީގެން އަބަދުގެ އަބަދަށް މަގާމުތަކުގައި ދެމިތިބެވޭނެ ކަމަށެވެ. އެހެނަސް، ކޮންމެ ކަމަކަށްވެސް ނިމުމެއް އޮވެ އެވެ. މިފަހަރު މި ފެންނަނީ އެފަދަ މީހުންގެ މޫނުމަތިން މާސްކުތައް ނެގި، އެމީހުންގެ އަސްލު ސޫރަ ހާމަވަމުންދާ ތަނެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ގައުމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި، މިފަދަ "މުނާފިގު" ސިފަތައް ހުރި މީހުންނަށް ޖާގައެއް ނެތްކަން ހާމަވާ ދުވަސް މިއޮތީ އައިސްފަ އެވެ.

ކުރިން ދެއްކި ދޮގު ވާހަކަތަކާއި، ކޮށްދޭނަމޭ ބުނި ކަންކަމުގެ ހަގީގަތް ފަޅާއަރަމުންދާއިރު، އެންމެންވެސް ތިބީ ބަލާށެވެ. ޚުޝާމަތުގެ މަގުން ކަންކަން ހާސިލްކުރި މީހުންނަށް މިފަހަރު ލިބޭނެ ލަދުވެތިކަމާއި، ކުރިމަތިލާންޖެހޭނެ ފިޔަވަޅުތަކަކީ އެހެން މީހުންނަށް ވެސް އިބުރަތަކަށް ވާނެ ކަމެކެވެ. ހަގީގަތަކީ، އިޚުލާޞްތެރިކަމެއް ނެތި ކުރާ އެއްވެސް ކަމެއްގައި ބަރަކާތެއް ނުހުންނާނެ ކަމެވެ.
ވުމާއެކު، ޚުޝާމަތުކޮށްގެންނާއި އޮޅުވާލައިގެން ކަންކަން ހާސިލްކުރަން އުޅުނު އެންމެންނަށް "ހޭ އަރުވާލާނެ" ވަގުތު މި ވަނީ ކައިރިވެފަ އެވެ.

ގައުމުގެ ހައްގުގައި މަސައްކަތްކުރާ އިޚުލާޞްތެރިންނަށް ޖާގަ ލިބި، އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން ބާކީވެގެންދާ މަންޒަރު ފެނުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ. ބަލަން ތިބޭށެވެ، ހަގީގަތް ހާމަވާއިރު އެންމެ ބޮޑު ލަދެއްގައި ބެދޭނީ ހަމަ އެ ޚުޝާމަތުކުރި މީހުންނެވެ.