Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްޑީޕީގެ އައްޑޫ ކާމިޔާބީ ފާހަގަ ކުރަން މިރޭ އިވެންޓެއް

މި މަހުގެ 4 ގައި ބޭއްވި ލޯކަލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އައްޑޫން އެމްޑީޕީ ހޯދި ކާމިޔާބީ ފާހަކޮށް، ރައްޔިތުންނަށް ޝުކުރު އަދާކުރަން މިރޭ ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީގެ އައްޑޫގެ ދާއިރާތަކުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް އޮންނާނީ ހިތަދޫ ސިޓީ ސްކެއާގެ ސަރަހައްދުގެ ފަސްގަނޑުގަ އެވެ. އިވެންޓް ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:00 ގަ އެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު މިރޭގެ އިވެންޓްގައި ބައިވެރިވާން އެމްޑީޕީގެ އައްޑޫ ޓީމުން އެދިފައިވެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި މިރޭގެ އިވެންޓްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ދެ އިންތިހާބުން ޕާޓީ އަށް އައްޑޫން ހޯދައި ދިން ކާމިޔާބީއަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރުމެވެ.

މިރޭގެ އިވެންޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ ޕަފޯމްކުރަން ވެސް ހަމަޖެހިފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުން އައްޑޫން އެމްޑީޕީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ދިފާއު ކުރުމެވެ. އަދި މޭޔަރު އަލީ ނިޒާރު ހިމެނޭހެން މިހާރުގެ ފަސް ކައުންސިލަރަކު ދެވަނަ ދައުރަކަށް އިންތިހާބުވެފައިވެ އެވެ.

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަން ވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލާ ވަކިވެ، އަލަށް ރަށު ކައުންސިލް އިންތިހާބު ބޭއްވި ހުޅުދު އާއި މީދޫގެ ރަށު ކައުންސިލްތަކު ރައީސުންގެ ގޮނޑި ވެސް ނަގާފައި ވަނީ އެމްޑީޕީންކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެ ޕާޓީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ޝުކުރު އަދާކުރަން މިރޭ އިވެންޓެއް ބާއްވާ އިރު، ކާމިޔާބީ ފާހަގަކުރަން މި މަހުގެ 5 ގައި އައްޑޫގައި ވަނީ ވެހިކަލް ބުރެއް ވެސް ބާއްވައިފަ އެވެ.