Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ލޭ ހަދިޔާކުރާ މީހުން ރަޖިސްޓްރީ އޮންލައިން ކުރަނީ

ލޭ ހަދިޔާކުރާ މީހުންގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭ ގޮތް ހެދުމަށް ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފު ކުރަން ނިންމައިފި އެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ލޭގެ ހިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން މިއަދުގެ ޖަލްސާ އަށް ފޮނުއްވި ޖަވާބުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ލޭ އެޅުމާއި ލޭ ހަދިޔާ ކުރުމުގެ ކަންކަން ހަމަޖެއްސުން މުހިންމު ކަމަށެވެ. އެހެންވެ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަ މާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު އެކުލަވާލައި ނިންމާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މި މަސައްކަތަކީ، ކަމާ ގުޅޭ ބައިނަލްއަޤްވާމީ ފެންވަރުގެ މާހިރުންނާ އަދި ރާއްޖޭގައި ތިއްބެވި ކަމާގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ލޭގެ ޚިދުމަތުގެ މުހިއްމު ތަފާސްހިސާބުތައް ފެންނާނެހެން ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަށް ފަރުމާކުރެވި ލޭ ދޭ ފަރާތްތައް ގިންތި ކުރެވި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓަރ މިވަގުތު ބަލަހަށްޓަމުން އަންނަ މެނުއަލް ސިސްޓަމުން އޮންލައިން އިންފޮރމޭޝަން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އަދި ޑޯނާ ރަޖިސްޓްރީ އާއި ޑޯނާ ރެކްރޫޓްމަންޓް ޕޯޓަލް ވެބްސައިޓާއެކު ޚާއްސަ އެޕްލިކޭޝަނެއް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުން ކުރަން ފެށުމަށް ވަނީ ކަނޑައެޅިފައި." މިނިސްޓަރު ވިދާޅުވި އެވެ.

ލޭ ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކުރުމުގެ ބޭނުމަކީ، ލޭ ދިނުމަށް ތައްޔާރުވެފައިވާ މީހުންގެ ޑޭޓާ ބޭސްއެއް ވުޖޫދުވުމުން ލޭ ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް، ވަށާޖެހިފައިވާ ހައްލެއް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.