ދެހާސް އަށާވީހުގެ ރިޔާސީ އިންތިހާބު ވެސް ޕީއެންސީ ކާމިޔާބުކޮށް ވެރިކަމުގައި އެ ޕާޠީ ދެމިއޮންނާނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަހުސްގައި ސަލީމް ދާދި ފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ވެސް ޕީއެންސީ ބަލިނުވާ ކަމަށެވެ.
އެކަމަކު އެ އިންތިހާބުތަކުގައި އެ ޕާޓީ ބަލިވެ، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ވާހަކަ އެ ޕާޓީގެ މެންބަރުން ދައްކާ ކަމަށް ސަލީމު ވިދާޅުވި އެވެ.
"އިންތިހާބަކުން ބައްޔެއް ނުވޭ، ތާރީހަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް." އޭނަ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، މި މަހުގެ 4 ގައި ބޭއްވި އިންތިހާބުތަކުން މާ ބޮޑު ޖަތީޖާއެއް ލިބުނު ކަމަށް ހީކޮށް، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ހުވަފެން އެމްޑީޕީން ދެކެމުން އަންނަ ކަމަށެވެ.
"ހުވަފެނުގައި ދެން 2028 ލިބިފައޭ މި ކިޔަނީ، އެ ލިބިގެން ވަަރަށް ފުއްޕައިގެން މިތިބެނީ، 2028 އެއް ނުލިބޭނެ އަޅުގަނޑުމެން މިހެން، ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، 2028 ގެންދާނީ ޕީއެންސީން." އޭނަ ވިދާޅުވި އެވެ.