ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަދަލުތަކެއް އަންނަމުންދާ އިރު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަލުން ފައްކާކޮށް، ރިފޯމް ކުރުމަކީ މިއަދު އެ ޕާޓީގެ އާންމު މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރާ އެންމެންގެ އެންމެ ބޮޑު އެދުމެވެ. ޕާޓީގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ.
މި މަސައްކަތް މިހާރުން މިހާރަށް ފެށުމަކީ ޕާޓީގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިޞްލާޙީ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މިހާރު އޮތް ޕާޓީގެ ގައުމީ މަޖިލިސް އުވާލުމެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިންނާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، މިހާރު އޮތް މަޖިލިސް އުވާލައި، އައު މެމްބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް އަލުން އެކުލަވާލުމަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. މީގެ ސަބަބުން ޕާޓީގެ ތެރޭގައި މިހާރުއޮތް ބޯދާ ވިސްނުމުގެ ބާރު ފިލައި، އައު ވިސްނުންތަކަށް ފުރުސަތު ހުޅުވިގެންދާނެއެވެ.
ދެވަނަ ފިޔަވަޅެއްގެ ގޮތުން، މިނިވަން އަދި އިންސާފުވެރި އިންތިހާބީ ކޮމެޓީއެއް އެކުލަވާލަންޖެހެ އެވެ. މި ކޮމެޓީ އަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، ޕާޓީގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓާނެ ކޮމެޓީއަކަށް ވާންޖެހެ އެވެ. އޭގެ ފަހުން، ޕާޓީ ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރާނެ ޗެއާޕާސަންގެ މަގާމަށް ގާބިލު ބޭފުޅަކު އިންތިހާބު ކުރަން ޖެހެ އެވެ. މި ބަދަލުތަކަކީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކޮށް، އާންމު މެންބަރުންނާ ގާތުން މަސައްކަތްކުރާނެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަންކަމެވެ.
ޕާޓީގެ އެންމެ މުހިންމު ނިންމުމަކީ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމެވެ.
މިކަމުގައި އަމަލުކުރަންވީ އެންމެ އިންސާފުވެރި ގޮތަކީ، އާންމު މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ރިޔާސީ ކެނޑިޑޭޓް ހޮވުމެވެ. ޕާޓީގެ ތެރޭގައި އޮތް ވަކިވަކި ފެކްޝަންތަކުގެ ބަދަލުގައި، އާންމު މެންބަރުންގެ އަޑު އިވޭނެ ގޮތަކަށް މިކަން ބައްޓަންކުރަންޖެހެއެވެ.
މި މަރުހަލާގައި ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ، ޕާޓީގެ ޒަމާންވީ ލީޑަރުން ކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި މުޙައްމަދު ނަޝީދު (އަންނި) އަށް ރިޔާސީ ޓިކެޓް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމުގައި މެމްބަރުން ގަބޫލުކުރުމެވެ.
ޕާޓީއަށް ބޭނުން ވަނީ އައު މޫނުތަކާއި، އައު ވިސްނުންތަކެވެ. ކުރީގެ ނާކާމިޔާބީތަކުން އިބުރަތް ހާސިލުކޮށް، ޕާޓީގެ އަމިއްލަ "ކައްވަޅު" ކޮނުމުގެ ބަދަލުގައި، ޕާޓީ ދިރުވައި އާލާކުރުމަށްޓަކައި އައު ލީޑަޝިޕަކަށް ފުރުސަތު ދިނުމަކީ މިއަދު އެންމެ ބުއްދިވެރި ގޮތް ކަމުގައި ފެނެ އެވެ. މިފަދަ ހަރުދަނާ ބަދަލުތަކާއެކު ނޫނީ އެމްޑީޕީ އަށް އަލުން ކާމިޔާބީގެ އައްސޭރިއަކަށް ދަތުރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.