Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ބްރިޓްނީ އަލުން ރިހެބް ފަރުވާ އަށް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަނެއްކާ ވެސް ރިހެބް ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނަ އަލުން ރިހެބަށް އަމިއްލަ ގޮތުން ދާން ނިންމީ މަސްތުވެގެން އިނދެ ބާރު ސްޕީޑްގައި ކާރު ދުއްވި މައްސަލައެެއްގައި މިދިޔަ މަހުގެ 4 ގައި ހައްޔަރު ވެސް ކޮށްފައި ވަނިކޮށެވެ. އޭރު ބްރިޓްނީގެ މައްޗަށް ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ބްރިޓްނީ ރިހެބް ފަރުވާ އަށް ދިޔަކަން އޭނަގެ ތަރުޖަމާނު ވެސް އިއްޔެ މީޑިއާތަކަށް ކަށަވަރުކޮށް ދީފައިވެ އެވެ. އޭނަ ބުނީ މަސްތުވެގެން އިނދެ ދުއްވުމަކީ ހެދުނު ގޯހެއް ކަމަށާއި އެ ކުށާ މެދު ބްރިޓްނީ ހިތާމަ ވެސް ކުރާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމުން އެއްކޮށް ދުރުވާން އޭނަ ބޭނުންވާ ކަމަށާއި ރިހެބް ފަރުވާ އަމިއްލަ އަށް ދާން ނިންމީ ވެސް އެ ސަބަބާ ހުރެ ކަމަށް ތަރުޖަމާން ބުންޏެވެ.

އޭނަ ބުނީ ބްރިޓްނީ ހުރީ އޭނަގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ހިތްވަރާއި އަޒުމުގައި ކަމަށެވެ.

އެމެރިކާގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރުންގެ ތެރޭގައި ހިމެނޭ މިހާރު އުމުރުން 44 އަހަރުގެ ބްރިޓްނީ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރިހެބް ފަރުވާ ހޯދާފައިވާ މީހެކެވެ. މިހާތަނަށް ތިން ކައިވެނިކުރި ބްރިޓްނީގެ ޒުވާން ފިރިހެން ދަރިން ތިބެ އެވެ. އެއީ އޭނަގެ ދެވަނަ ކައިވެންޏަށް ލިބުނު ޝޯން ފެޑަލީން، 21، އާއި ޖޭޑެން ފެޑަލީން، 20، އެވެ.

ބްރިޓްނީ އެންމެ ފަހުން ކައިވެނިކުރީ ސޭމް އަސްގަރީ ކިޔާ، 32 އަހަރުގެ މީހަކާ އެވެ. 2022 ގައި ކުރި އެ ކައިވެނި 2024 ގައި ވަނީ ރޫޅިފަ އެވެ.