Last Updated: June 5, 10:59
Friday, June 5, 2026
ޚަބަރު

އެމްޑީޕީގައި އަމާޒެއް ނެތް: ޝުޖާއު

އެމްޑީޕީގެ ތެރޭގައި އެއްވެސް އަމާޒެއް ނެތް ކަމަށާއި، އެ ޕާޓީން އިންތިޚާބީ ކާމިޔާބީތަކާ މެދު ބޮޑާވެގަންނަނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމެއް ނެތި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނަ ވިދާޅުވީ، 2021 ގެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް، އޭގެ ފަހުން ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން 2023 ގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ދާދި ފަހުން ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ އެމްޑީޕީން ފާހަގަކުރަމުން ދަނީ އެ ކާމިޔާބީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި މީހުން ބާކީކޮށްލުމަށް ފަހު ކަމަށެވެ.

"ރައްޔިތުން ގަބޫލު ކުރަންވީ މިއަދު އެމްޑީޕީގެ ތެރޭގައި އަމާޒެއް ނެތްކަން. ގޮނޑިތައް ހޯދުމާއި ކާމިޔާބުގެ ވާހަކައަކީ އޭގެ މައްޗަށް ބޮޑާވެ ކިބުރުވެރިވާންޖެހޭ ކަމެއް ނޫން،." އޭނަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިޚާބުތަކުން ރައްޔިތުން ދޭ ނިންމުންތައް ހެޔޮހިތުން ބަލައިގަނެ، ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް އިޢުލާން ކުރައްވާފައި ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެނައުމުގެ ހިތްވަރު އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.