Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޗަގޯސް ހަވާލުކުރުން މަޑުޖައްސާލުމުން ރާއްޖޭގެ މަރުހަބާ

ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތް ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސްގެ މިލްކުވެރިކަމާމެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމަކީ ރާއްޖެއާއެކު މަޝްވަރާތައް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ރާއްޖޭގެ ހައްގުތަކަށް އިހްތިރާމުކޮށް، ސަރަހައްދީ ހަމަޖެހުމަށް ތާއީދުކުރާ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މަސައްކަތްކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލައިފައެވެ.

ޗާގޯސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުން ނިންމިއިރު، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ގަބޫލު ނުކުރާކަން ރަސްމީކޮށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް އަންގައިފައެވެ.