ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތާއީދު ކުރައްވައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
މި ގޮނޑި އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ސޯބެ ޝައުގުވެރިކަން ފާޅުކުރެއްވުމުން އިބޫ ވިދާޅުވީ ސޯބެ އަކީ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.
"ހިތަދޫއަށް ގިނަ ހިދުމަތްތަކެެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއް. މި އިންތިޚާބުގައި ސޯބެ އަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބައޮތް،" ސޯލިހް ވިދާޅުވި އެވެ.
ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ފުރުއްވައިފަ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފުރުއްވި އެވެ.
މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.