ސެމްސަންގްގެ އަމިއްލަ މެސެޖިން އެޕް، ސެމްސަންގް މެސެޖަސް ބޭނުން ކުރުން ހުއްޓާލައި، ގޫގުލް މެސެޖަސް ބޭނުންކުރަން ފަށަން ނިންމައިފި އެވެ.
މި ބަދަލަށް އެމެރިކާގައި ރަސްމީކޮށް އަމަލުކުރަން ފަށާނީ މި އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.
ސެމްސަންގުން ބުނިީ މި ބަދަލު ގެންނަން ނިންމީ އެންޑްރޮއިޑް 12 އާއި އެއަށްވުރެ ފަހުގެ ވާޝަންތައް ބޭނުންކުރާ ގެލެކްސީ ޑިވައިސްތަކަށް ކަމަށެވެ. އެގޮތުން ޖުލައިގެ ފަހުން، ސެމްސަންގް މެސެޖަސް އެޕްލިކޭޝަން މެދުވެރިކޮށް އާންމު މެސެޖުތައް ފޮނުވުމުގެ މަގު ބަންދުވެގެން ދާނެ އެވެ. އެ މުއްދަތަށް ފަހު އެ އެޕް ބޭނުން ކުރެވޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތަކަށް މެސެޖު ފޮނުވުމަށް އެކަންޏެވެ.
އަދި ގެލެކްސީ ސްޓޯރުން ވެސް އެޕް ނަގާނެ އެވެ.

މިހާރު ބާޒާރަށް ނެރެފައިވާ ގެލެކްސީ 26 ފޯނުތަކުގައި މިހާރު ވެސް ސެމްސަންގް މެސެޖަސް ޑައުންލޯޑް ކުރެވޭކަށް ނެތްކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު އެންޑްރޮއިޑް 12 އަށް ވުރެ ދަށް ވާޝަންތައް ބޭނުންކުރާ ކުރީގެ ފޯނުތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ.
ގޫގުލް މެސެޖަސް އަށް ބަދަލުވުމުން އެ އެޕްގެ ތެރެއިން ނޮޓިފިކޭޝަންތަކާއި އިރުޝާދުތައް ލިބޭނެ އެވެ. އެންޑްރޮއިޑް 14 ބޭނުންކުރާ ފަރާތްތަކަށް، ގޫގުލް މެސެޖަސް ޑިފޯލްޓް އެޕްގެ ގޮތުގައި ހަމަޖެއްސުމުން އޭގެ އައިކޮން އަމިއްލައަށް ހޯމްސްކްރީން ޑޮކް އަށް ބަދަލު ވެސް ވާނެ އެވެ.