Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ޖޫން 6 ގައި ބާއްވަން ނިންމައި، އެ ބައި އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މާދަމާ އިން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ދެ ބޭފުޅަކު ވަނީ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.