އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުރިހާ އުމުރެއްގެ މީހުން ވެސް ބޭނުންވާ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އިސް މަގާމުތަކަށް ޒުވާނުން ގެންނަން ޖެހޭކަމުގެ އަަޑުތަކާއި އެކަމަށް ވަކާލާތު ކުރުމުގެ ހަރަކާތްތަކެއް ވެސް ފެށިފައިވާ މި ދަނޑިވަޅުގައި ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ގައުމީ މަޖިލީހަށް ސިޔާސީ ގޮތުން ތަޖުރިބާހުރި ހަރު މީހުންނާ އެކު ޒުވާނުން ވެސް ބޭނުންވާ ކަމަށެވެ.
"ޕާޓީގައި ތިއްބެވި ތަޖުރިބާ ހުރި ބޭފުޅުން މަގާމުތަކަށް ޝައުގުވެރިވުމަކީ ޕާޓީ އަށް ފައިދާވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން." މިހާރު އެމްޑީޕީގެ އެޑްވައިޒެއްގެ ގޮތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ ވަރަށް ޒުވާން މެންބަރުންތަކެއް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އިރު، މިހާރު ޕާޓީގެ ވަގުތީ ޗެއާޕާސަނަކީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ޣަފޫރު އަބްދުﷲ އެވެ.
އެމްޑީޕީން އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ޗެއާޕާސަނަށް ލަފާ ދިނުމަށް ހަ މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އުފެއްދުމަށް ފާސްކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ ގަފޫރާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި- ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލެވެ.
މި ކޮމިޓީ އަކީ ދާއިމީ ޗެއާޕަސަން އިންތިހާބު ކުރެވެންދެން އޮންނާނެ ކޮމިޓީއެކެވެ.