Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

ޕީއެންސީން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެ އެވެ.

މި ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށާއި އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ ޕްރައިމަރީގައި ވޯޓުދެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލް ވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު، 20 އޭޕްރިލް ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގަ އެވެ.