ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އިން ބުނީ އައްމަޓީއަށް ކުރާ ހިޔާނާތުގެ ދައުވާތަކުގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށެވެ. ހައިކޯޓުން އެ އަމުރު ނެރެދީފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ. އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ދައުވާތައް ސާބިތުނުވާ ކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދައުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.
މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.