ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް އަންހެނުން އިންތިހާބުކުރަން އެމްޑީޕީގެ އަންހެނުންގެ ރޫހުން އެދިއްޖެ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީއަކީ އަބަދުވެސް އަންހެނުން ބާރުވެރިކުރުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި ވަކިން ހާއްސަކޮށް، ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންނަށް ސިޔާސީ ދާއިރާގައި ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްޑީޕީން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި 174 އަންހެން ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރެއިން 107 ކައުންސިލް ގޮނޑި އެމްޑީޕީގެ އަންހެން ބޭފުޅުން ކާމިޔާބު ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ އެންމެ އިސް މަގާމު ފުރުވާނީ ފިރިހެނަކަށްވާތީވެ، ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންނަށާއި ރަށްރަށުގެ ކައުންސިލް ނައިބުންނަށް އަންހެނުން އިންތިހާބުކުރުމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރުންގެ އަރިހުން ވަރަށް ބޮޑަށް އެދޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މިއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަދި އެމްޑީޕީން އަންހެނުން ސިޔާސީ ދާއިރާގައި ލީޑާޝިޕް ދައުރު އަދާކުރުމަށް ހިތްވަރުދިނުމާއި ފުރުސަތު ދިނުމުގައި ނަމޫނާ ޕާޓީއެއްގެ ގޮތުގައި ދައްކަމުންދާ ރީތި މިސާލު، އިތުރު ހަރުފަތަކަށް ގެންގޮސްދެވޭނެ ނިންމުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އަށް ލިބުނު ކާމިޔާބީ އަށް ބަލާ އިރު، މިހާރު ވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން މަގާމުން ދިފާއު ކުރެއްވުން ހިމެނެ އެވެ.