Last Updated: June 6, 06:06
Saturday, June 6, 2026
ކުޅިވަރު

ލީޑްސް އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީޑްސް އޮތީ 32 މެޗުން ލިބުނު 36 ޕޮއިންޓާއެކު ލީގުގެ 15 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 32 މެޗުން ލިބުނު 55 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.

މިއީ 1981 ވަނަ އަހަރަށް ފަހު ލީޑްސް އިން ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

މި މެޗުގެ ފަސްވަނަ މިނެޓްގައި ނޯއާ އޮކަފޯ ވަނީ ލީޑްސް އަށް ލީޑު ނަގައިދީފަ އެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން އޮކަފޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 29 ވަނަ މިނެޓްގައި ލީޑްސްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އޮކަފޯ ކަމަށްވާއިރު، މިއީ ޔުނައިޓެޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒަށް ދެއްކި ރަތްކާޑު ދެއްކުމުންނެވެ. މާޓިނޭޒަށް ރަތްކާޑު ދެއްކީ ލީޑްސްގެ ފޯވާޑް ކަލްވެޓް ލުވިންގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމުންނެވެ.

ޔުނައިޓެޑުން މެޗުގެ 69 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް އުއްމީދު އާކުރިއިރު، މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު، އެޓީމުގެ ބެންޖަމިން ސެސްކޯ ފޮނުވާލި ހަމަލާ ލީޑްސްގެ ކީޕަރު މަތަކުރިއިރު، ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ރޮގުމަތިން ދިފާއުކުރީ ކަލްވެޓް ލެވިން އެވެ.

ލީގުގައި ޔުނައިޓެޑުން އަންނަ ހަފްތާގައި ބައްދަލުކުރާނީ ޗެލްސީއާ އެވެ.