Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

ވީނެރާ 13 ގެ ތާރީޚީ ދަތުރު

ވީނެރާ 13 އަކީ ޕްލެނެޓް ވީނަސް ނުވަތަ ޒުހުރާތަރި ބަލައި ދިރާސާކުރުމަށްޓަކައި ސޯވިއެޓް ޔޫނިއަނުން (ރަޝިޔާ) އިން ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު އެއް މިޝަނެވެ. ވީނަސް ނުވަތަ ފަޖުރުތަރިއަކީ ސޫރުދަ ނިޒާމުގައި ދެވަނަ އަށް އިރާ އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. މި ގުރަހަ ހުންނަނީ އަތާރިދު (މާކަރީ) އާއި ދުނިޔެއާ ދެމެދުގަ އެވެ.

ވިނެރާ 13 ވީނަސްއަށް ފޮނުވިއިރު ވެސް އެނގޭ އެއް ހަގީގަތަކީ އެ އުޅަނދު ވީނަސްގެ ބިމަށް ތިރިކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތަނުގެ ގަދަ ހޫނުގެ ސަބަބުން ފަނާވެދާނެ ކަމެވެ. ވުމާއެކު ފުރަތަމަ އުންމީދުކުރެވުނީ ވީނެރާ 13 އަށް ވީނަސްގެ ބިމުގައި މަސައްކަތް ކުރެވޭނީ 32 މިނިޓެއްހާއިރު ކަމަށެވެ. ނަމަވެސް އެ އުޅަނދު 127 މިނިޓު ވަންދެން މަސައްކަތްކުރިއެވެ.

ދަތުރު ފެށުން:

ވީނެރާ 13 ގެ ދަތުރު ފެށީ އޮކްޓޫބަރު 30، 1981 ގައެވެ. މިއީ ވީނަސްގެ ބިމަށް ތިރިކުރުމަށާއި، އެ ޕްލެނެޓްގެ ޖައްވާއި ބިމުގެ ދިރާސާތައް ކުރުމަށް ފޮނުވި އުޅަނދެކެވެ. ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ދަތުރަކަށް ފަހު، މާރިޗު 1، 1982 ގައި މި އުޅަނދު ވީނަސްގެ ބިމަށް ތިރިކުރިއެވެ. މި އުޅަނދު ވީނަސްއަށް ތިރިކުރި ސަރަޙައްދަށް ނަން ދީފައި ވަނީ "ފީބީ ރީޖަން" (Phoebe Regio) ގެ ނަމުންނެވެ.

ތާރީޚީ ކާމިޔާބީތައް:

ވީނެރާ 13 އަކީ ވީނަސްގެ ފޮޓޯތައް ކުލަކޮށް ދުނިޔެއަށް ފުރަތަމަ ފޮނުވައިދިން އުޅަނދެވެ. ވީނަސްގެ ބިމުގެ ކުލަ ޕެނޮރާމިކް ފޮޓޯތައް ދުނިޔެއަށް ފޮނުވައި ދިނުމުން، މި ފޮޓޯތަކުން ވީނަސްގެ ބިމުގައި ހުރި އޮރެންޖް-މުށި ކުލައިގެ ހިލަތަކާއި އުޑުމަތީގެ ކުލަ އިންސާނުންނަށް ފެނިގެން ދިޔަ އެވެ.

ވިނެރާ 13 އިން ވީނަސްގެ ބިމުގެ ދިރާސާއެއް ފުރަތަމަ ފަހަރަށް ކުރިއެވެ. އެ އުޅަނދުގައި ހަރުކޮށްފައިވާ ހިލަބިން ކޮންނަ ޚާއްޞަ އާލާތެއް ބޭނުންކޮށްގެން، ވީނަސްގެ ބިމުން ސާމްޕަލް ނަގައި، އޭގެ ކެމިކަލް މާއްދާތައް ވަނީ ދިރާސާކޮށްފަ އެވެ. މިއީ ވީނަސްގެ ބިމުން މިފަދަ ދިރާސާއެއް ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ވީނަސް ގުރަހައިގެ ޖައްވުގައި ހުރި އަޑުތައް ރެކޯޑްކޮށް ދުނިޔެއަށް ފޮނުވައި ދިނެވެ.

ގޮންޖެހުންތައް:

ވީނަސްގެ ބިމަކީ އިންތިހާއަށް ހޫނުގަދަ ތަނެކެވެ. ވީނަސްގައި ގާތްގަނޑަކަށް 457 ޑިގްރީ ސެލްސިއަސްގެ ހޫނު މިން ހުރެއެވެ. އަދި ވައިގެ ފިއްތުން ނުވަތަ ޕްރެޝަރު ވަރަށް ގަދަކަން ފާހަގަކުރެވެއެވެ. މިއީ ދުނިޔެއަށްވުރެ 89 ގުނަ ހޫނު ގަދަ ގުރަހައެކެވެ. މިފަދަ ހޫނުގަދަ މާޙައުލެއްގައި އުޅަނދެއް 127 މިނިޓުގެ ވަގުތުކޮޅަކަށް ވެސް ހަލާކުނުވެ ހުރުމަކީ އޭރުގެ ޓެކްނޮލޮޖީއަށް ބަލާއިރު ބޮޑު ކާމިޔާބީއެކެވެ.

ނަތީޖާ:

ވީނެރާ 13 ގެ ދަތުރުން ލިބުނު މަޢުލޫމާތަކީ އެ ގުރަހަ (ޕްލެނެޓް) ގެ ޖައްވީ ހާލަތު ދެނެގަތުމަށް ސައިންސްވެރިންނަށް ލިބުނު ވަރަށް އަގުހުރި މަޢުލޫމާތުތަކެކެވެ. މިއަދު ވެސް މި މި ޝަނަކީ ގުރަހަތައް ހޯދާބެލުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ސަފުހާއެކެވެ.

ވީނެރާ 13 އުފެއްދުމުގައި ހަރަކާތްތެރި ކޮންމެ އިންޖިނިއަރަކަށް ވެސް ވީނަސް (Venus) ގްރަހައިގެ މާހައުލުން އެ އުޅަނދަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގެއެވެ. ސަލްފިއުރިކް އެސިޑްގެ ވިލާތަކަކީ ދަގަނޑު ފަދަ މައުދަންތައް ފީކޮށްލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެފަދަ ނުރައްކާތެރި މާހައުލެއްގައި މަދު މިނެޓްކޮޅަކަށް ނަމަވެސް މި އުޅަނދު އޮތުމަކީ އިންޖިނިއަރިންގެ ރޮނގުން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.