Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފޮސްޓާކުރާ ކުދިންގެ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން، ފޮސްޓާ ކުރާ ކުދިން ނުވަތަ އާއިލާއެއްގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ބަލަހައްޓާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިސް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

އެ ޗުއްޓީ ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށް ގެޒެޓްކުރީ އިއްޔެ އެވެ. އޭގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން ހަ މަސް ހަމަވާ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ލިބޭގޮތަށް ޗުއްޓީއެއް ލިބޭނެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް އެ ބެލެނިވެރިޔާއަށް ލިބޭނެ އެވެ.

މިފަދަ އިސްލާހެއް ގެނެސްފައި މި ވަނީ އުމުރުން ހަ މަސް ނުވާ ކުދިންނާއި ހަ މަހަށް ވުރެ ބޮޑެތި ކުދިންނާ ހަވާލުވެ ބަލަހައްޓާ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިދިޔަ މަހު ވަނީ ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު ވިދާޅުވެފައިވ ގޮތުގައިފޮސްޓާކުރާ ކުދިންގެ އަދަދު މިހާތު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަނި ވެސް 111 ކުއްޖަކު ފޮސްޓާކޮށްފައިވެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ގެންނަ ކުދިންނަށް އާއިލާތަކާ އެކީ އުފާވެރިކޮށް ދިރިއުޅެވޭނެ ގޮތް ފަހިކޮށް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެކެވެ. އެގޮތުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި މިނިސްޓްރީން ޑިސެމްބަރު 10، 2023 ގައި ޕްރޮގްރާމެއް ފެށި އެވެ.