މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ބިދޭސީ މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ބަންގްލަދޭޝް އަށް ނިސްބަތްވާ އެ ފިރިހެން މީހާ މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނީ ސަބުދެލިމަގުގައި ހުންނަ މ. ބީޗްފްލެޓް ހައުސްގެ 10 ވަނަ ބުރިންނެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ދުވަހުގެ އިރާކޮޅު އިރުއޮއްސި 6:20 ހާއިރެވެ.
ފުލުހުން ބުނި ގޮތުގައި 30 އަހަރުގެ މީހާ ވެއްޓިފައި ވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ، ގޭގެ ފުރާޅުމަތީ، ސަން ސްކްރީން ނެޓިން ހަރުކުރުމަށް މަސައްކަތް ކުރަނިކޮށެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް އެ މީހާ މަރުވީ މިދިޔަ ހޮނިހިރު ދުވަހެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.