Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ލަވްގެ އާ ފިލްމު ހަދާނީ ކާތިކާ އެކު

ބޮލީވުޑްގެ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމު ކާތިކް އާރިއަންއާ އެކި ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ލަވްގެ އާ ފިލްމަށް ކާތިކް ސޮއިކުރި އިރު، އެ ދެ މީހުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އާ ޕްރޮޖެކްޓް ފައިނަލް ކުރުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއްކޮށްފައިވެ އެވެ.

ބެލެވޭ ގޮތުން ލަވްގެ އާ ފިލްމު ވާނީ ވެސް ރޮމޭންޓިކް ކޮމެޑީއަކަށެވެ. އެއީ އޭނަ އެންމެ ފަރިތަ ޖޯންރާ އެވެ. ލަވްގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރާ އެކު 2023 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ 'ތޫ ޖޫޓީ، މޭ މައްކާރް' އެވެ. އޭގެ ހާއްސަ ފެނިލުމެއްގައި ވެސް ކާތިކް ހިމެނޭ އިރު، ބޮލީވުޑްގައި ޒުވާން އެކްޓަރު މަޝްހޫރުކަން ބޮޑުވީ ލަވްގެ 2018 ގެ 'ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ' އިންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ލަވް ފިލްމްސްގެ ނަމުގައި މިހާރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ލަވް ޑައިރެކްޝަނަށް ނުކުތީ ވެސް ކާތިކް ބޮލީވުޑަށް ތައާރަފުވި ފިލްމުންކަމެވެ. އެއީ 2011 ގެ 'ޕިޔާރު ކާ ޕަންޗްނާމާ' އެވެ. އޭގެ ދެވަނަ ބައެއް ވެސް އެ މީހުން 2015 ގައި ގެނެސްދިނެވެ.

ކާތިކަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދަރުމާގެ ކްރީޗާ ކޮމެޑީ 'ނާގްޒިއްލާ' އާއި ޑައިރެކްޓަރު އަނޫރާހް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމެއްގެ އިތުރުން ޑައިރެކްޓަރު ކަބީރް ޚާނާ އެކު މަސައްކަތްކުރާ ދެވަނަ ސްޕޯޓްސް ޑްރާމާއެއް ހިމެނެ އެވެ.