Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

"ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ބާއްވަނީ

މަގުމަތީގެ ސަލާމަތާއު ރައްކާތެރިކަމަށް ހޭލުންތެރިކަން އުފައްދަން ފުލުހުންގެ ކުރިއަށް ގެންދާ "ރައްކާ ރޯޑްޝޯ" ގެ މި އަހަރުގެ އެޑިޝަން ރ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ މި މަހުގެ 17-27 އަށެވެ.

އެ މުއްދަތުގެ ތެރޭގައި ރ. އަތޮޅުގެ ރަށްތަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން "ރައްކާ ރޯޑްޝޯ" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކް އާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ވޮލީ އަދި ފުޓްސަލް މުބާރާތްތައް ހިމެނެ އެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓާސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޑްރައިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރި ކުރުވުމަށް ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑްތައް އެކި ރަށްތަކުގައި ބަހައްޓާނެ އެވެ.

ރޯޑްޝޯ ކުރިއަށް ގެންދާނީ "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.

"ރައްކާ ރޯޑްޝޯ" އަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.