އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ތިން ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިއު ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ އެ މަޝްރޫއުތައް ހިންގަން ހަމަޖެހިފައިވާ ތިން ސިޓީ އަކީ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ތިނަދޫ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ތިން ސިޓީ އަޅަން ނިންމާފައިވާ ޓްރެކްތަކުގެ ކުރެހުންތައް ވެސް މިހާރު އިންޑިއާއާ ހިއްސާކޮށްފައިވާ ކަމެވެ. އަދި އެ ތިން ޓްރެކްގެ މަސައްކަތާ ގުޅޭ ލިޔެކިއުންތައް ވެސް ލިބެމުން އަންނަ އިރުޝާދުތަކާއި އެއްގޮތަކަށް މިނިސްޓްރީން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ކުރިން މީގެ ތެރޭގައި ކުޅުދުއްފުށީ ޓްރެކް ވެސް ހިމެނިފައި އޮތް ކަމަށެވެ. ނަމަވެސް މިހާރު އެ ޓްރެކްޓްގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ޓްރެކް އެޅުމުގެ ކުރިން ކުރަން ޖެހޭ ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.