ރާއްޖޭގެ މިހާރުގެ ސަރުކާރަކީ ރާއްޖޭގައި ތާރީހުގައި ވެސް ދިވެހިން ދެކެމުން އަންނަ އެންމެ ނާގާބިލު ސަރުކާރު ކަމަށް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ 5 ގައި ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވަމުން ހިތަދޫ ހި ދެކުނު ދާއިރާގެ މަޖިލިސް މެންބަރި ވިދާޅުވީ މި ރިޔާސީ ބަޔާނަށް ދޭން އެންމެ އެކަށޭނަ އެންމެ ސާދާ ރައްދަކީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަށް، އެ މަނިކުފާނު މި އަހަރު ދެއްވި ރިޔާސީ ބަޔާން ފުރިހަމަ ނުވާކަން ކަމަށެވެ.
އެ ގޮތުން މި އަހަރުގެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށް ދީފައި ނުވާ އިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް އެ ބަޔާނުގައި ނެތް ކަމަށް ނާޒިލު ވިދާޅުވި އެވެ.
"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއް ކަމަށް. ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އިއްވާފައި." އޭނަ ވިދާޅުވި އެވެ.
އަދި މި އަހަރު ކުރިއަށް ގެންދަވާނެ އެއްވެސް ކަމެއް ރިޔާސީ ބަޔާނުގައި ހިމަނާފައި ބެތް ކަމަށާއި، މިދިޔަ އަހަރު ކުރައްވާނޭ ކަމަށް މިދިޔަ އަހަރު ވިދާޅުވި ކަންކަން ކުރައްވާފައި ނުވާ ކަމަށް ވެސް ނާޒިލު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ސަރުކާރަކީ މިހާތަނަށް އައި އެންމެ ނާގާބިލު ސަރުކާރު ކަމަށެވެ.