Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

'އޮޕަރޭޝަން ސިންދޫރު' އަށް ވަރޫން ގެންނަނީ

ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ހަދަން ނިންމާފައިވާ ފިލްމު 'އޮޕަރޭޝަން ސިންދޫރު' އަށް ވަރޫން ދަވަންް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމަށް ވަރޫން ގެންނަން ނިންމީ ޓީ ސީރީޒާ އެކު އޭނަ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ވަރޫންގެ 'ބޯޑާ 2' އަކީ ވެސް ޓީ ސީރީޒްގެ ފިލްމެކެވެ.

'އޮޕަރޭޝަން ސިންދޫރު' އަކީ އަސްކަރިއްޔާ އިން ރިޓަޔާކޮށްފައިވާ ކުރީގެ ލެފްޓިނެންޓް ޖެނެރަލް ކޭޖީއެސް ދިލަން އެ ނަމުގައި ލިޔެފައިވާ ފޮތް 'އޮޕަރޭޝަން ސިންދޫރު: ދި އަންޓޯލްޑް ސްޓްރީ އޮފް އިންޑިއާސް ޑީޕް ސްޓްރައިކްސް އިންސައިޑް ޕާކިސްތާން' އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.

އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ކަޝްމީރުގެ އިންޑިއާ ފަޅީ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާތަކުގައި 26 މީހަކު މަރައިލި ހާދިސާ އަށް ވެސް ފިލްމުގައި އަލިއަޅުވައިލާނެ އެވެ.

ދިލަންގެ ފޮތުގެ ރައިޓްސް ހޯދައި އެއަށް ބިނާކޮށް ފިލްމެއް ހަދަން ނިންމިކަން ޓީ ސީރީޒުން ރަސްމީކޮށް އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

'އޮޕަރޭޝަން ސިންދޫރު' ޑައިރެކްޓްކުރާ ވިވެކް އަކީ މި ފަހުން ސިޔާސީ ޕްރޮޕެގަންޑާ ފިލްމުތައް ގެނެސްދެމުން އަންނަ ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަަހަރުގެ 'ދަ ބެންގާލް ފައިސް' އެވެ. ވިވެކް މި ފަހުން ގެނެސްދިން މިފަދަ އެހެން ފިލްމުތަކަކީ 'ދަ ކަޝްމީރު ފައިލްސް' އާއި 'ދަ ޓަޝްކެންޓް ފައިލްސް' އެވެ.

އޭނަގެ 'އޮޕަރޭޝަން ސިންދޫރު' އަށް ވަރޫން ގެންނަ އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 22 އަށް ތާވަލުކޮށްފައި އޮތް، ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ.