Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ފުލުހުން ހިންގި 2 ކޯހެއް ނިންމާލައިފި

ފުލުހުނ ހިންގި ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެ ދެ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން އާއި ޑިޕްލޮމާ ⁠އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓެވެ.

މި ދެ ކޯސް ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދިނީ މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދެވެ.

ޑިޕްލޮމާ ⁠އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ މަގުސަދަކީ ރާއްޖޭގެ ސެކިއުރިޓީ ދާއިރާގެ މުވައްޒަފުންގެ އިލްމީ ގާބިލުކަން އިތުރުކުރުމާއި ބައިނަލް އަގުވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. ޖުމްލަ 18 ދަރިވަރުން ބައިވެރިވި މި ކޯހުން 1 ވަނަ ހޯދީ އޭވިއޭޝަން ސެކިއުރިޓީގެ މަރިޔަމް ސަނާ އެވެ.

ޑިޕްލޮމާ އިން ކުރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ މަގުސަދަކީ ތަހުގީގުކުރާ ފުލުހުންގެ ހުނަރު ތަރައްގީކުރުމާއި އެ ފުލުހުންނަކީ ގާބިލު އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ބިނާކުރުމެވެ. މި ކޯހުގައި ދެ ބެޗު ހިމެނޭ ގޮތަށް 73 ފުލުހުން ބައިވެރިވި އެވެ. ކުރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ބެޗު 11 އިން 1 ވަނަ ހާސިލުކުރީ ސާޖަންޓް ރަމްލާ ޙުސައިނެވެ.

ބެޗު 12 އިން 1 ވަނަ ހޯދީ ސަރޖަންޓް ސަމްޙަތު ނަޢުމާ އެވެ.

މި ކޯސްތަކަކީ ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ކޯސްތަކެކެވެ.