ކޮންމެ ޤައުމެއްގައި ވެސް ޑިމޮކްރަސީގެ ބިންގާ އެޅި، އެ ނިޒާމު ހަރުދަނާވެގެން ދަނީ ވަގުތާއި ތަޖުރިބާގެ އަލީގަ އެވެ. ޑިމޮކްރަސީއަކީ ހަމައެކަނި ފޮއްޓަކަށް ވޯޓުލުމެއް ނޫނެވެ. އެއީ ރައްޔިތުންގެ ވިސްނުމާއި، ސިޔާސީ ހޭލުންތެރިކަން ތަރައްޤީވެ، ޤައުމީ މަޞްލަޙަތު އިސްކުރުމަށް ދަސްވާ ދަސްވުމެކެވެ. މި މޭރުމުން ބަލާއިރު، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ދަތުރަކީ އުއްމީދީ، އަދި މަޑުމަޑުން ހަރުވެ ފައްކާވަމުން އަންނަ ދަތުރެކެވެ.
ދާދި ފަހުން ބޭއްވި އިންތިޚާބުން ފެނިގެންދިޔަ އެންމެ އުފާވެރި އަދި އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ، ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް، ޤައުމީ މުހިންމު ނިންމުންތަކުގައި ރައްޔިތުން އެއް ވިސްނުމަކަށް އަންނަކަމެވެ. ކެމްޕޭނު ތެރޭގައި ފެނުނު ހޫނު ބަހުސްތަކާއި ޚިޔާލުތަފާތުވުންތަކަށްވުރެ، ޤައުމުގެ ކުރިމަގަށްޓަކައި ނިންމާ ނިންމުން މާ މުހިންމުކަން ރައްޔިތުން އެދުވަހު ސާބިތުކޮށް ދީފި އެވެ. މިއީ ދިވެހި ސިޔާސީ މަޝްރަޙަށް އައިސްފައިވާ ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ.
މި ކަންކަމުން ހާމަވަނީ ދިވެހީން މިއަދު ޤައުމީ ކަންކަމާއި، ސިޔާސީ ފިކުރާއި، އަދި އަމިއްލަ ރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ވަކިކުރާން ދަސްކުރަމުން އަންނަ ކަމެވެ. ކުރިން ފެނުނު "ވަކި ކުލައަކަށް" މަރުދޭ އުސޫލުގެ ބަދަލުގައި، މިއަދު ފެންނަނީ ކަމުގެ ކުޑަބޮޑުމިނަށް ބަލައި ދިވެހިން ގޮތް ނިންމާ މަންޒަރެވެ. މިސާލަކަށް، އެއް ދުވަހެއްގައި ނެގުނު ތަފާތު ތިން ވޯޓެއްގައި، އެކަކު ތަފާތު ތިން ގޮތަކަށް ވޯޓުލާފައި ހުރުމަކީ މި ދެންނެވި ހޭލުންތެރިކަމުގެ ސާފު ހެއްކެކެވެ.
އެއީ ރަށުގެ ކަންކަމުގައި އެންމެ އެކަށޭނަ މީހާއާއި، ޤައުމީ ފެންވަރުގައި އެންމެ ރަނގަޅު ސިޔާސަތު ވަކިކުރަން ރައްޔިތުންނަށް މިހާރު އެނގޭކަމުގެ ރަމްޒެކެވެ.
ޑިމޮކްރަސީއަކީ އެއް ދުވަހަކުން ފުރިހަމަވާނޭ އެއްޗެއް ނޫނެވެ. އެއީ ވަގުތާއެކު، ތަަޖުރިބާތަކުން ފިލާވަޅު ލިބިގެން ފައްކާވާ ނިޒާމެކެވެ. "ޑިމޮކްރަސީއަކީ ވަގުތުން ފައްކާވާ އެއްޗެއް ނޫން" ކަމަށް ބުނާ ބުނުމަކީ ހަގީގަތެއްކަން ރާއްޖޭގެ މިއަދުގެ ހާލަތުން ވަރަށް ރަނގަޅަށް ސާފުވެއެވެ.
ދިވެހި ރައްޔިތުންގެ ސިޔާސީ ވިސްނުން ތަރައްޤީވަމުން އަންނަ މިންވަރަކީ ޑިމޮކްރަސީގެ ކުރިމަގު އުޖާލާކަން އަންގައިދޭ ކަމެކެވެ. ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ޤައުމީ މަޞްލަޙަތު އިސްކުރުމަކީ ޑިމޮކްރަސީގެ އެންމެ މަތީ ސިފައެވެ. ދިވެހިރާއްޖެ މިއަދު އެ މިސްރާބަށް ދަތުރުކުރަމުންދާ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.