Last Updated: May 14, 19:31
Tuesday, May 14, 2024
ރިޕޯޓް

ޖާސޫސީ ރިޕޯޓު: މިގައުމުގެ އެންމެ ބޮޑު ވަބާ

ފޮޓޯ: ހުސެއިން ސިނާން

ދާދި ފަހުން ރައްޓައްސަކު ދައުލަތުގެ ވަޒީފާއަކަށް ކުރިމަތިލައިގެން އިންޓަވިއުކޮށް، އިންޓަވިއު އިން ހޮވުނު ކަން އެންގިއެވެ. ވަޒީފާއަށް ނުކުތުމަށް ނާންގާ ގިނަ ދުވަސްވާތީ އެއޮފީހަށް ގުޅުމުން ބުނީ ބެކްގްރައުންޑް ސާފުކުރިއިރު ވަޒީފާއަށް ކަމުދާ ފަރާތަކަށް ނުވާތީ ވަޒީފާއަށް ހަމަޖައްސައިދެވެން ނެތް ވާހަކައެވެ. އެހިސާބުން ބެކްގްރައުންޑް ޗެކުކުރަނީ ކިހިނެތްތޯ، އެކަން ކުރަނީ ކޮން ބަޔަކު މެދުވެރިވެގެން ކޮން ގޮތަކަށްތޯ ސާފުކޮށް ދިނުމަށް އެދުމުން އެމައުލޫމާތު ދެވެން ނެތްކަމަށް އެއޮފީހުން ބުންޏެވެ.

އެހެން ހާދިސާއެކެވެ. ވަޒީފާގައި އަހަރު ދުވަސް ވެފައިވަނިކޮށް ފުލުހުންގެ ޖާސޫސީ ރިޕޯޓަކަށް ބަލައި މިނިވަން މުވައްސަސާއަކުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ. އެއްވެސް ސަބަބެއްވެސް ބަޔާން ކުރުމެއްނެތިއެވެ. ހަމައެކަނި އެބުނާ ޖާސޫސީ ރިޕޯޓުގެ މައްޗަށް ބަލައިގެންނެވެ. އެރިޕޯޓުގެ ތެދު ހަގީގަތެއް އެނގޭ އިންސާނަކުވެސް ނެތެވެ. އެބުނާ ރިޕޯޓެއްގައި އޮތް އެއްޗެއް އެނގޭ މީހަކުވެސް ނެތެވެ. އެކަމަކު މީހުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާދިނުމުގައި މިއަދު މައިގަނޑުގޮތެއްގައި ބަލަނީ އެމީހާގެ އިލްމީ ގާބިލުކަމާއި، ތަޖުރިބާއަކަށް ނޫނެވެ. އެމީހަކާއި ބެހޭ ގޮތުން ދައުލަތުގެ މުވައްސަސާއަކުން ތައްޔާރުކުރާ ޖާސޫސީ ރިޕޯޓުގެ މައްޗަށެވެ.

އެކި ފަރާތްތަކުގައި އަހައިގެން މައުލޫމާތު ސާފުކުރިއިރު، ބެކް ގްރައުންޑް ބަލައި ހޯދަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަމަށް ތުހުމަތުކުރެވެއެވެ. ބެކް ގުރައުންޑް ބެލުމުގައި އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއާއި، އެމީހެއްގެ އާއިލާއަކީ ކޮން ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ބައެއްތޯ ބަލައެވެ. އެމީހަކު އާންމު ކޮށް ވާހަކަ ދައްކައިއުޅެނީ ކޮން ބަޔަކާތޯ، އެމީހަކު އާންމުކޮށް ގޮސް އުޅޭ ރެސްޓޯރަންޓްތަކާއި ކަޑަތަކާއި، ރައްޓެހިންގެ ގޮތުގައި ތިބެނީ ކޮން ބައެއްތޯ ބަލައެވެ . އަދި ފޯނު ކޯލުތަކާއި، މެސެޖްތަކާއި، އީމެއިލް ބަލާ ހަދާ ކަމަށްވެއެވެ.

ގާނޫނު އަސާސީގައި ބަޔާންކުރަނީ އަނެކުންނާއި ކުރާ މުއާމަލާތު ތަކަކީ ޒާތީ މައުލޫމާތު ތަކެވެ. ފުލުސް އޮފީހާއި ސިފައިންގޭގައި ފޯނު ކޯލު އަޑުއަހާ ނިޒާމު ގާއިމުކޮށްގެންގެން މީހުންގެ ޒާތީ މައުލޫމާތުތަށް ބަލައި ހޯދައި، އަޑުއަހައި، އެކަންކަން ސިޔާސީ ބޭނުމަށް ބޭނުންކުރަމުން އެދަނީ ފާޅުގައެވެ. އެކަމާއި ސުވާލު ކޮށްލާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތެވެ. އެމައްސަލަ ބެލޭނެ ކޯޓެއް، މުވައްސަސާއެއް ނެތެވެ. މިކަންކަން ހިންގާ މީހުންނަކީ މުޖުރިމުންނެވެ. މިކަންކަމުގައި ބައިވެރިވާ ފަރާތްތަކަކީވެސް ބޮޑެތި މުޖިރިމުންނެވެ.

ބެކްގުރައުންޑް ސާފުކުރުމުގެ މަސައްކަތަކީ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި މިހާރު އަލަށް ހަމަޖައްސައިގެން އުޅޭ ޤާނޫނާ ޚިލާފު، ޣައިރު ޤާނޫނީ އިޖުރާއަތެކެވެ. އެވެސް މީހަކަށް ވަޒީފާ ދިނުމުގައި އޭނާގެ ވިސްނުމަށް، ނުވަތަ ފިކުރަށް ނުބެލޭނެއެވެ. އަސުރުމާ ކުލަވީމާ 115 (ޅ)ގެ ދަށުން ސިޔާސީ މަޤާމުތަކަށް އައްޔަން ކުރަންވީއެވެ. މިހާރުވެސް ސިޔާސީ މަގާމުތައް އެއްވެސް ހައްދެއްނެތި އެދަނީ އިތުރު ކުރަމުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް އޮތީ ސަރުކާރުގެ މުށު ތެރޭގައެވެ. ދައުލަތުގެ ހުރިހާ މިނިވަން މުވައްސަސާތަކަކަށް އެވަނީ މަޖިލީހުން ސަރުކާރުން ބޭނުންވާ ބަޔަކު އައްޔަންކޮށްފައެވެ. އެވަރުންވެސް ނުފުދިގެން މިހާރު މިނިވަން ހުރިހާ މުވައްސަސާއެއްގެ މިނިވަންކަން ނިގުޅައިގަނެ، އެތަންތަން ކޯޓުގައި ތަމްސީލު ކުރާނީ ސަރުކާރުން އައްޔަންކޮށްފައިވާ ބަންޑާރަ ނައިބު ކަމަށް އެވަނީ ކަނޑައަޅާފައެވެ. މިހާރު ހަމައެކަނި އަތު ނުޖެހެނީ ދައުލަތުގެ ވަޒީފާގައި ތިބި ނިކަމެތި ރައްޔިތުންނެވެ. ޖާސޫސުކޮށްގެން މިއަދު އެދަނީ އެމީހުންވެސް ސުންނާފަތި ކުރަމުންނެވެ.

މިފަދައިން މުވައްޒަފުންނާމެދު އަމަލު ކުރާއިރު މިކަމަށް ޙައްލެއް ހޯދުމަށް، ނުވަތަ އެނިންމުމާއި ދެކޮޅަށް ދާނީ ކޮންތާކަށް ހެއްޔެވެ؟ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ހަމަ އެއްވެސް ކަމެއް އެބަ އޮތްހެއްޔެވެ؟

ގާނޫނު އަސާސީގައި މީހަކު ހައްޔަރުކުރެވޭނެ ކަމަށް ބަޔާންކުރަނީ ދެ ހާލަތެއްގައެވެ. ފުރަތަމަ ހާލަތަކީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހާލަތެއްގައެވެ. ދެވަނަ ހާލަތަކީ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކުރުމެވެ. ކޯޓު އަމުރެއް ކޯޓުން ދޭންވާނީ އެމީހަކު އެކުށެއްކުރިމަކަށް ތުހުމަތުކުރެވޭވަރުގެ ހެކި ލިބިގެންނެވެ. މިހާރު ރާއްޖޭގައި އަށަގެންފައިވާ އަނެއް ވަބާއަކީ "އިންޓެލިޖެންސް ރިޕޯޓު" ނުވަތަ ޖާސޫސީ މައުލޫމާތަށް ބަލައިގެން މީހުން ހައްޔަރު ކުރުމުގެ އަމުރު ދިނުމެވެ. އާންމު ގޮތެއްގައި ކޯޓަކަށް އަމުރު ހޯދަން ދާއިރު ޖާސޫސީ އެއްވެސް މަޢުލޫމާތެއް ނުގެންދެއެވެ. ހަމައެކަނި އަމުރަށް އެދޭ ފޯމުގައި ޖާސޫސީ މައުލޫމާތު މިހެން ޖަހާފައި އޮންނަނީނެވެ.

ކޯޓު އަމުރެއް ދޭއިރު ޤާޟީން އެއްވެސް ވަރަކަށް އެއީ ކޮން ފަދަ މަޢުލޫމާތެއްތޯ ނުބަލައެވެ. ސިސްޓަމް އޮންނަ ގޮތުން، އެފަދަ އަމުރެއް ނުދީފިނަމަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅީ ކަމަށް ބަލައި ދައުވާއެއް ކުރުންވެސް ގާތެވެ. އަދި އެގާޟީއެއްގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ބަލައި ސަސްޕެންޑް ކޮށް ފިޔަވަޅުވެސް އަޅާފާނެއެވެ.

މިގޮތަށް ފުލުހުން އަމަލުކުރުމުގެ ސަބަބުން އަދި ގާޒީން ކޮންމެ ސަބަބަކާހުރެ ވިޔަސް އެގޮތަށް ދީލާފައި ވުމުން، މިއަދު މިވަނީ އެތައް ބަޔެއްގެ ހައްޤުތައް ގެއްލިފައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ބަންދުގެ މުއްދަތު އިތުރު ކުރުމުން ވަޒީފާ ގެއްލެއެވެ. ވަޒީފާއެއް ހޯދުމަކީ މިއަދު ކިހާ އުނދަގޫ ކަމެއްތޯއެވެ. ދެވަނަ ފަހަރަށް ވަޒީފާއަކަށް ކުރިމަތި ލާއިރު، ފުލުހުންގެ ކުށުގެ ރެކޯޑެއް އޮވެއެވެ. އެއްކަލަ ޖާސޫސީ ރިޕޯޓު ވެސް އޮވެއެވެ. ވަޒީފާއިން މަހުރޫމުގެ އައު ވަޒީފެއް ލިބުމުންވެސް މަހުރޫމު ވީއެވެ.

އާދައިގެ ކުދި ކުދި ކަންކަމުގައި ތުހުމަތު ކުރެވޭ މީހުންގެ ފޯނު ފުލުހުން އަތުލައެވެ. އަދި ފޯނު ހުޅުވުމުގެ އަމުރެއް ކޯޓުން ހޯދައެވެ. އެއަމުރާއެކު ފޯނުގެ ޕާސްކޯޑު ހޯދައި، މުޅި ފޯނު ބަލާ ހޯދައެވެ. ދައުވާކުރެވޭ ކުށެއް ފެނޭތޯއެވެ. އެގޮތުން ހުރިހާ މެސެޖްތަކާއި، ފޮޓޯތައް ބަލައެވެ. ޒާތީ މައުލޫމާތުތައް ހޯދައެވެ. އަދި އެނގޭ މައުލޫމާތުތައް ރައްޓެހިންގާތު ކޮފީ މޭޒުތަކުގައި ކިޔައެވެ. ރައްޓަހި ވެގެން އުޅޭ ކުއްޖާއާއި ދައްކާފައިވާ ވާހަކައާއި، އަނބިން/ފިރިން ނާ ދައްކާ ވާހަކަތައް ބަލައެވެ. މިގޮތުގައި ތިނެއް ނުވަތަ ހަތަރު މަސް ދުވަހު ފޯނު ބޭއްވުމަށްފަހު ފޯނު ދޭއިރު މުޅި އެމީހާ ހުންނާނީ އޮރިޔާން ވެފައެވެ. މިއީ މިކުޑަ ކުޑަ ރާއްޖޭގައި، އެކަކު އަނެކަކު ފަސޭހައިން އެނގޭ ގައުމެއްގައި، ހިންގާ ލާއިންސާނީ ޖަރީމާތެކެވެ. މިޖަރީމާ ހިންގުމުގައި މުޅި ފުލުސްއޮފީހާއި، ކޯޓުތަކާއި، ދައުލަތުގެ ގިނަ އިދާރާތަކުގެ މުވައްޒަފުން އެދަނީ ބައިވެރި ވަމުންނެވެ.

ވިސްނާ ލައްވާށެވެ! މާދަމާ ޖާސޫސީ ރިޕޯޓަކަށް ބަލައި އަހަރެމެން ކޮންމެ މީހަކު ވަޒީފާއިން ވަކިކޮށްފާނެއެވެ. ތިޔައިން ބޭފުޅެއް ނުވަތަ ތިބޭފުޅުންގެ ދަރިއަކަށް ޖާސޫސީ ރިޕޯޓަކާއި ހެދި ވަޒީފާ ލިބުން މަހުރޫމު ވެދާނެއެވެ.

ވިސްނާ ލައްވާށެވެ! ޖާސޫސުކޮށްގެން މާދަމާ އޮރިޔާން ކުުރެވޭނީ ތިބޭފުޅާ ނުވަތަ ތިބޭފުޅާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ވެދާނެއެވެ. ނުވަތަ ތިބޭފުޅުންގެ ދަރިން ނުވަތަ މައިން ބަފައިން ކަމަށްވެސް ވެދާނެއެވެ.

މިވަބާއަށް ފަރުވާއެއް ހޯދުމަށް ރައްޔިތުން މަސައްކަތް ކުރަން ވެއްޖެއެވެ. ހުރިހާ ބާރުތަކެއް ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ހުރިހާ ބާރެއް ދެމި އޮންނާނީވެސް ރައްޔިތުގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގައި އޮވެއެވެ.