ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މި ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކެބިނެޓްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.
މި ދަނޑިވަޅުގައި ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ބޮޑުކޮށް ކުރަން ފަށައިފި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"ވީމާ ބޭނުން ޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއަދު އިސްތިޢުފާ ދެއްވި 10 ވަޒީރުންނަކީ:
1- މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3- މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މި މަހުގެ 4 ގައި ބޭއްވި ލޯކަލްް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ވެރިކަން ކުރާ ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.
އޭގެ ތެރޭގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާއި މިފްކޯގެ އެމްޑީ ފަރުހަތު ޝަހީރާއި ފެން ކުންފުނީގެ އެމްޑީ އަބްދުލް މަތީން ހިމެނެ އެވެ. އަދި އެގްރޯނެޓް ކުންފުނީގެ އެމްޑީ ހުސައިންދީދީ މަގާމުން ވަކިކޮށްފައިވެ އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް މިއަދު ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ހުސައިން ފަހުމީ އައްޔަންކޮށްފަ އެވެ.