Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިޔުން

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ގައުމަށް ދެން އެންމެ ރަނގަޅުވާނެ ގޮތަކީ އަވަސް އިންތިހާބަކަށް ދިޔުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ގައުމެއްގެ ވެރިކަމަކީ ވަރަށް ބޮޑު ޒިންމާތަކެއް އޭގައި ހިމެނޭ، ރައްޔިތުންގެ މައްޗަށް އޮތް ބޮޑު އަމާނާތެއް ކަމަށާއި ވެރިކަމަކީ ހަމަ ހިތަށް އަރާ ގޮތަކަށް ކަންތައްކޮށް، ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައި ބަލައިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް ފެންނަނީ އެއްވެސް ހަރުދަނާ ކަމެއް ނެތި، އަދި ދާނެ މިސްރާބެއް ނެތި ހިންގާ ވެރިކަމެއްގެ ގޮތުގައި ކަމަށާއި މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ނިމިދިޔަ އިންތިޚާބުން ރައްޔިތުން މިސަރުކާރަށް 70 އިންސައްތަ ނޫނެކޭ ބުނީ ސަރުކާރުން ކަންކުރަމުންދާ ގޮތަށް ނުރުހޭތީވެ. މިސަރުކާރުގެ މައްޗަށް އެއްވެސް އިތުބާރެއް ނެތީމަ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން އެންމެ ފައިދާވާ ކުންފުނިތައް ބަނގުރޫޓްވާ ދަރަޖައަށް ވައްޓާލާފައިވާ ކަމަށާއި އެމްއޭސީއެލް އަކީ ސިޔާސީ ކަންތައް ކުރާ ޖަގަހައަކަށް ބަދަލުކޮށް، ރާއްޖެ އެތެރެކުރާ މުދާ، ފިހާރަތަކަށް އައުން އިންތިހާއަށް ލަސްވާން ފަށާފައިވާ ކަމަށެވެ. އަދި ކަރަންޓް ކެނޑުމުގެ މައްސަލަ ގޯހުން ގޯހަށް ދާން ފަށާފައިވާ ކަމަށާއި ކިތަންމެ ހުވައެއްކޮށްފައި މަޝްރޫއުތަކުގެ ބިންގާ އެޅި ކަމުގައި ވިޔަސް އެކަންތައްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު،
ސިޔާސީ ބޭނުމަށްޓަކައި، މާ ގިނައިން ވަޒީފާ ބެހުމުގެ ސަބަބުން ދައުލަތަށް ކެތްނުވެގެން މަގާމުތަކުން މީހުން ވަކިކުރަން މަޖުބޫރު ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ކުރާނެ މަސައްކަތެއް ނެތި އިންތިހާއަށް ބޮޑު މުސާރައިގައި ގޭގައި ސިޔާސީ މަސައްކަތް ކުރަން ބޭތިއްބި މީހުން ވަކި ކުރަން މަޖުބޫރުވެފައިވާ ކަމަށާއި ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންވެސް ވަކިކުރާނީތޯ ނުވަތަ ބައިތިއްބާނީތޯ ނޭނގިގެން އުޅޭކަން ޔަގީން ވާ ހިސާބައް ކަންތައްތައް ގޮސްފައިވާއިރު، މިއީ ސަރުކާރުން އަނެއްކާވެސް ވިސްނަންޖެހޭ ކަންތައްތައް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ފެބްރުއަރީ 28 އިން ފެށިގެން، މުޅި ދުނިޔެ ދަތި ދުވަސްތަކަކާ ކުރިމަތިލާންޖެހިފައިވާ ހިނދެއްގައި، ހިކުމަތްތެރިކަމާއެކު ގައުމުގެ ކަންތައްތައް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ނޫނެކޭ ވޯޓު އާއި އެކު އަވަސް އިންތިޚާބަކަށް ދިއުމަކީ ދެން ގައުމަށް ރަނގަޅުވާނެ ގޮތްކަން މިހާރު ޔަގީން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކޮށްފިނަމަ މާ ދެރަގޮތްތައް ދިމާވެދާނެ. ސަރުކާރުގެ ނާގާބިލު ކަމުގެ ސަބަބުން ދިމާވާ ދަތިތަކާ އުނދަގޫ ތަކަށް ރައްޔިތުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް. ގައުމީ އެއްބައިވަންތަކަން ހިފަހައްޓާ އަވަސް އިންތިހާބަކަށްދާން މިސަރުކާރަށް ގޮވާލަން،" ފައިސަލް ވިދާޅުވި އެވެ.