އައްޑޫގައި މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުންދާތީ، ފަޅު ގޯތިތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެެތަނުން ބުނީ އެ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ސާފު ކުރުމުގެ ހަރަކާތް އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.
ކައުންސިލުން ވަނީ އައްޑޫގެ ހުރިހާ އަވަށެއްގެ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކާއި، އެފަދަ ގޯތިތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން، މި މަހުގެ 23 ގެ ކުރިން އެ ތަންތަނުގައި ހުރި ކުނިބުނިތަކާއި، ފެން ހަރުލާ ފަދަ ތަކެތި ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި މިކަމުގައި ހުރިހާ ރައްޔިތުންނާއި، މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށް ބުންޏެވެ.
އައްޑޫގެ ފަޅު ގޯތިތައް އެތަންތަނުގެ ވެރިން ސާފުކޮށް ނުބަަލައްޓާ މައްސަލަ ބޮޑެވެ. މީގެ ސަބަބުން އެފަދަ ގޯތިތައް ގޮނޑުވެ، މަދިރި އާލާވުން ފަދަ ކަންކަމަށް މަގުފަހިވެ އެވެ. އެހެންވެ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އަވަށްތަކުގެ ފަޅު ގޯތިތައް ސާފުކޮށް ބަލަހަައްޓަން ކައުންސިލުން އަންގާފައިވެ އެވެ.
ޑެންގީ އަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ އައްޑޫގެ އަވަށްތަކުގައި މަދިރި ނައްތައިލަން ކައުންސިލުން ދޭތެރެ ދޭތެރެއިން ދުން ވެސް ޖަހަ އެވެ.