ފޮރިން މިނިސްޓަރު ކަމަށް ޑރ. އިރުތިޝާމް އާދަމް އަދި ހެލްތު މިނިސްޓަރު ކަމަށް ގީލާ އަލީ އައްޔަންކުރައްވައިފި އެވެ.
ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ ވަނީ ރައީސް އޮފީހުގައި ބާއްވާފަ އެވެ.
ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އިރުތިޝާމަކީ 1988 އިން ފެށިގެން ސަރުކާރުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް ފޮރިން މިނިސްޓްރީގަ އެވެ. އިރުތިޝާމް ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު، ބައެއް ގައުމުތަކަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.
އިރުތިޝާމް ވަނީ މީގެކުރިން ހެލްތު މިނިސްޓަރުގެ މަގާމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ގީލާ ވަނީ މީގެކުރިން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި ހާރިޖީ ދާއިރާގައި ވެސް ގީލާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.