Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހުޅުމާލެ ފޭސް 3 އިން 125 ގޯތި ހަވާލުކޮށްފި

ހުޅުމާލެ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި އެވެ.

އެ ސަރަޙައްދުން ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ، މިދިޔަ މަހުގެ 26 ގަ އެވެ.

މިއީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، ދޭން ނިންމި ބިންތަކުގެ ތެރެއިން ބިންތަކެވެ. އެކަމަކު އޭރު އޮތީ ބިން ނުހިއްކި އެވެ. މި ސަރުކާރުގައި ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހިން 698 ގޯތި ކަނޑައަޅާފައިވެ އެވެ. އެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާއެކު، އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް 451 މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން މިހާތަނަށް 125 ބިމެއް، އިން ވަކިކޮށް، ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ ގޯތި ދޫކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1،650 އަކަފޫޓުގެ 181 ގޯއްޗާއި 2،050 އަކަފޫޓުގެ 242 ގޯއްޗާއި 2،450 އަކަފޫޓުގެ 1،32 ގޯއްޗާއި 2،850 އަކަފޫޓުގެ 62 ގޯއްޗާއި 3،250 އަކަފޫޓުގެ 41 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯތީގެ އިތުރުން 4،000 އަކަފޫޓުގެ 24 ގޯއްޗެވެ.

ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައި ވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20 ގަ އަވެ.